ނޫސްތަކަށް އިއުލާން ދިނުން ސަރުކާރުން ހުއްޓާލީ ޑިމޮކްރެސީ ވަޅުލުމުގެ ބޭނުމުގައި: ޔާމީން

ނޫސްތަކަށް އިއުލާނާއި އިޝްތިހާރު ދިނުން ސަރުކާރުން ހުއްޓާލީ ޑިމޮކްރެސީ ވަޅުލައި ނޫސްވެރިކަން އިނދަ ޖައްސާލުމުގެ ބޭނުމުގައި ކަމަށް ޕީއޭގެ ރައީސް އަދި މ. މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ނޫސްތަކަށް ސަރުކާރުގެ އިއުލާނާއި އިޝްތިހާރު ދިނުން ހުއްޓާލުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުން ހުއްޓުވައި އެފަދަ ނޫސްވެރިންނަށް ހުރަސް އެޅުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޕްރިންޓް މީޑިއާ އާއި ވިޝުއަލް މީޑިއާ އެއްކޮށް ތަނެއް ހިންގުމަށް މަހެއްގެ މައްޗަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަންޖެހޭ. އެކަމަކު ސަރުކާރުގެ އިއުލާންތަކާއި އިޝްތިހާރުތައް ކަނޑާލުމުން އެއިން އެއްވެސް ތަނެއްގެ ހަރަދު ދެކޮޅެއް ނުޖެހޭނެ. ނޫސްތައް އިނދަ ޖެހިގެން ދިއުން ނޫން ކަމެއް ނުވާނެ. މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް،" ކުރީގެ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ނޫސްތަކަށް ސަރުކާރުގެ އިއުލާނާއި އިޝްތިހާރުތައް ދިނުން ހުއްޓާލުމުން އެފަދަ އެނައުންސްމަންޓްތައް އާންމުންނަށް އަޑު އިވުމަށް ހުރަސް އެޅި ސަރުކާރު ޖަވާބުދާރީ ކުރުވުން ހުއްޓިގެންދާނެ ކަމަށެވެ.
"ނޫސްތަކުގައި އިއުލާން ކުރުމުން އެއް ދުވަސް ދެ ދުވަސް ފަހުން އެ އިއުލާންތަކެއް ބަލާލެވޭނެ. އެކަމަކު ވިޝުއަލް މީޑިއަމެއްގައި އިޝްތިހާރު ކުރުމުން ކޮންމެ ފަރާތަކަށް ކޮންމެ ވަގުތަކު އެ އިއުލާނެއް އަޑު އެހުމުގެ ފުރުސަތެއް ވެސް ލިބިގެނެއް ނުވޭ. މިކަން ސަރުކާރުން މިކުރަނީ ސަރުކާރުގެ ފޯރުންތެރިކަން ކުޑަކަމުން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މީޑިއާ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމަކީ މި ސަރުކާރު ހަވާލުވި ފަހުން ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި މުޅިން ކަހަލަ ގޮތަކަށް ކުރިއަށް ގެންދަނީ ސަރުކާރުގެ ޕްރޮޕަގެންޑާ ފެތުރުމުގެ ޕްރޮގްރާމްތައް ކަން ޔާމީން ފާހަގަ ކުރެއްވި އެވެ.
"މައުމޫންގެ ސަރުކާރުގެ ފަހު ފަސް އަހަރު ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން އިދިކޮޅު ފަރާތްތަކުގެ އަޑުތައް ވަރަށް ބޮޑަށް ގެނެސްދިން. އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ލިއްބައިދިން. އެކަމަކު ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމަކީ ކޯޕަރޭޝަނެއްގެ ގޮތުގައި ހިންގާ ތަނެއް ކަމަކު މިއަދު އެ ތަންތަނުން ފަތުރަނީ ސަރުކާރުގެ ޕްރޮޕަގެންޑާ،" ޔާމީން ވިދާޅުވި އެވެ. "ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ ކޯޕަރޭޝަންގައި މުޅިން ކަހަލަ ގޮތަކަށް އެ ތިބީ އެމްޑީޕީގެ މެމްބަރުން. އެ ކައުންސިލް މިނިވަނެއް ނޫން. އެހެންވީމަ ދައުލަތުގެ ބަޖެޓް އަންނަ އަހަރަށް ފާސްކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާނަން އެ ކޯޕަރޭޝަނަށް ފައިސާ ދޭއިރު. އެ ތަންތަނަކީ ދައުލަތުގެ މުއައްސަސާތައް. އެ މުއައްސަސާތައް ހިންގަން މަޖިލީހުން ފައިސާ ދޭއިރު ބަލަންޖެހޭ އެތަންތަން ހިންގަނީ މިނިވަންކޮށް ތޯ؟ އެހެންވީމަ އަޅުގަނޑުމެންގެ ކޯލިޝަނުން މިކަމަށް ސަމާލުވާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ