ދަރަނި ނަގައިގެންވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭންޖެހޭ: ސައުދު

ދަރަނި ނަގައިގެންވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭންޖެހޭ ކަމަށް، ރައްޔިތުންގެ މޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ބަޖެޓު ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ ބަޖެޓު ދިރާސާ ކުރުމަށް ފަހު ދާއިރާތަކުގެ މެމްބަރުގެ އިހުސާސްތަކާ އެއްގޮތަށް ދާއިރާތަކަށް ގެނައި ޕީއެސްއައިޕީ ޕްރޮގްރާމުގެ ދަށުން ވިލިނގިލި އަދި ކޮލަމާފުށީގެ ރައްޔިތުންނަށް ބޭނުންވެފައިވާ ބައެއް ކަންކަން ބަޖެޓުގައި ވަނީ ހިމަނާފައި ކަމަށެވެ.
އެގޮތުން ކޮލަމާފުށީގެ މިސްކިތުގެ މަރާމާތަށް ބޭނުންވާ 4 ލައްކަ ރުފިޔާ އާއި އެރަށުގެ ޒުވާނުންނަށް ބޭނުންވާ ވޮލީ ކޯޓު އެޅުމަށް 6 ލައްކަ ރުފިޔާ ބަޖެޓުގައި ކަނޑައަޅައި، ވިލިނގިލީގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތު ކަށަވަރުކުރުމަށްޓަަކައި ރައްޔިތުންނަށް ސްވިމިންގ ޓްރެކެއް ބޭނުންކަން މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބަޖެޓެއް ކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ވާހަކަ ދައްކަވާއިރު މަޖިލީހުން މިހާތަނަށް ދަރަނި ނޫން ބަޖެޓެއް ފާސްކޮށްފައި ނުވާ ކަމަށާއި ކޮންމެ ސަރުކާރަކުންވެސް ކެމްޕެއިން ކުރަނީ ދަރަނި އޮންނަކަން އެނގިގެން ކަމަށްވެސް މެމްބަރު ސައުދު ވިދާޅުވިއެވެ.
ދަރަނި ނަގައިގެންވެސް ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދޭންޖެހޭ ކަމަށާއި އެއީ ރައްޔިތުން ބޭނުންވާ ގޮތްކަމަށް މެމްބަރު ވިދާޅުވިއެވެ.
ދަރަނި ބޮޑުވެ އެކަމުގެ ޒިންމާ ދައުލަތުން ނަގަންޖެހެނީ މާލެ ނޫން އެހެން އެއްވެސް ވިސްނުމެއް ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފިކުރުގައި ނެތުމުގެ ސަބަބުންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ލާމަރުކަޒުކުރާ ވާހަކަވެސް ދައްކާތާ އެތައް އަހަރެއް ވެގެން ހިނގައްޖެ ކަމަށެވެ.
ލާމަރުކަޒީ ކޮށްގެން ލިބޭ ފައިދާތައް އަތޮޅުތަކަށް ނުލިބޭތީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވާ މެމްބަރު ވިދާޅުވީ ފައިނޭންޝިއަލް ސިސްޓަމް ޑީސެންޓްރަލައިޒް ކުރުމުގެ ބަދަލުގައި ޕްރޮޖެކްޓެއްގެ އިދާރީ ހިންގުން ކައުންސިލަކަށް ހަވާލުކުރުމުން އަދި ލާމަރުކަޒީ ނުވާ ކަަމަށެވެ.
ދެކެން ބޭނުންވާ ލާމަރުކަޒި ނިޒާމަކީ ގއ.ގައި އުފެދިފަ ހުރި ރިސޯޓުތަކުން އަހަރެއްގެ މައްޗަށް ޖެހޭ އާމްދަނީގެ ނިސްބަތުން 40 ނުވަތަ 60 އިންސައްތަ ސިދާ އާމްދަނީގެ ގޮތުގަ ކައުންސިލަށް ވަންނާނެ ގޮތެއް ކަމަށާއި އޭރުން ވަޒީރުން އަދި ރައީސުން ގާތުގަ އާދޭސްކުރަން ނުޖެހޭނެ ކަމަށްވެސް މެމްބަރު ސައުދު ވިދާޅުވިއެވެ.
އާމްދަނީ ނުލިބޭ ތަރައްގިއެއް ދަރަނި ނަގައިގެން ކުރީމަ އޭގެ ޑެފިސިޓް މިދަނީ ބޮޑުވެގެން ކަމަށް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ