ވެކްސިންއާ މެދު ސާބިތު ނުހިފޭ ވާހަކަ ނުދައްކަން އެދިއްޖެ

ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އޮތް ހަމައެކަނި ހައްލު ކަމުގައިވާ ވެކްސިނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދިން ކޮވިޑް-19ގެ ވެކްސިން މިއަދު ރާއްޖެ ގެނެސްފައިވާއިރު، އެއާ ގުޅޭ ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ބައެއް މީހުން ވަނީ، އޭގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިިއީ އާ ވެކްސިނަކަށް ވުމާ އެކު ތަފާތު ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު، ވެކްސިންއާ ގުޅޭ މައުލޫމާތު އާއްމު ކުރާއިރު އެއީ ސައްހަ މައުލޫމާތުތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްޕީއޭ އިން ވެސް ޑަބްލިއުއެޗްއޯ އިން ވެސް މި ވެކްސިންތަކާ ގުޅޭ މައުލޫމާތު ލިބޭނެ. އެހެންވެ، އެ ތަންތަނުން ރަނގަޅު މައުލޫމާތު ހޯދާފައި ނޫނީ، އެ މައުލޫމާތު ޝެއާ ނުކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ މިއަދު ގެނެސްފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާ، އޮކްސްފޯޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒެވެ. މި ވެކްސިން ދޭން ފަށާނީ، އެކަމަށް ރަނގަޅަށް ތައްޔާރުވެ، އަދި އެ ވެކްސިނަށް ޑަބްލިއުއެޗްއޯގެ ހުއްދަ ލިބުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ. އަދި ވެކްސިން ދޭން ފެށުމުގެ ކުރިން، އެއީ ރާއްޖޭގައި ބޭނުން ކުރެވޭނެ އެއްޗެއްތޯ، ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް ބަލާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވަގުތު ވެކްސިން ރައްކާކޮށްފައި ހުރި ނަމަވެސް، ވެކްސިން ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ބާރަށް ކުރިއަށް ދާ ކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ