ގައުމީ ފެރީ ނިޒާމް: ރައްޔިތުން ޝަކުވާ ނާންނާނެ ފެންވަރުގެ ވަރުގަދަ ހިދުމަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެން: އާޒިމް

އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީގެ ހިދުމަތް، އެއްވެސް ރައްޔިތެއްގެ ޝަކުވާ ނާނާނެވަރުގެ ފުރިހަމަ، ވަރުގަދަ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް، ސަރުކާރަށް ދީފި އެވެ.
ގައުމީ ފެރީގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގައި ހިދުމަތް ދޭން ނިންމާފައިވަނީ އުތުރުގެ ތިން އަތޮޅަށެވެ. ސެޕްޓެމްބަރުމަހު ހައި ސްޕީޑް ފެރީގެ ހިދުމަތް އެ ސަރަހައްދުގައި ގުޅުވާލުމަށް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މި ހިދުމަތް ދިނުމަށް އެ ކުންފުނިން ތައްޔާރުވަނީ އެއްވެސް ރައްޔިތަކަށް ދަތިނުވާނެ އަދި އެއްވެސް ރައްޔިތެއްގެ ޝަކުވާ ނާނާނެ ފެންވަރުގެ ވަރުގަދަ ހިދުމަތެއް ދިނުމަށް ކަމަށެވެ.
"ދިވެހި ސަރުކާރަށް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެން މިދޭ ހިދުމަތުގައި އެއްވެސް ރައްޔިތަކަށް ދަތިނުވާނެ އެއްވެސް ރައްޔިތެއްގެ ޝަކުވާއެއް ނާނާނެ ފެންވަރުގެ ވަރުގަދަ ހިދުމަތެއް ދިނުމަށް." އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، މުޅި ރާއްޖެ ފެރީ ނިޒާމުން ގުޅުވާލުމަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުވި މުހިންމު ވައުދެއް ކަމަށާ މިއަދަކީ އެވައުދު ފުރިހަމަކުރުމަށްޓަކާ އެމްޓީސީސީއާ ހަވާލުކުރެވިގެންދާނެ ދުވަސް ކަމަށެވެ. މި ހިދުމަތަކީ ރާއްޖޭގެ ރައްޔިތުން ފަސޭހަކަމާއެކު އެތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ނެޓްވޯކިންގ ތިން ރީޖަންއަކަށް، 6 ޒޯނަކަށް ބަހާލެވިގެން ކުރިއަށްގެންދާ ނެޓްވޯކެއް ކަމަށާއި މި ނެޓްވޯކިންއާއެކު ހއ އަދި ހދ ށ މި ތިން އަތޮޅުގައި ހިމެނޭ 41 ރަށަކަށް ހިދުމަތް ދެވިގެންދާނެ ކަމަށެވެ.
މިއީ ބުރަށް އުނދަގޫ މަސައްކަތެއް އުނދަގޫ މަސައްކަތެއްކަމަށް ވިޔަސް އެމްޓީސީސީން މިކަން ކޮށްދޭނީ ވަރަށް އިހްލާސްތެރިކަމާއެކުގަ، ހުރިހާ ރައްޔިތުންނަށްވެސް ލުއި ފަސޭހަވާނެ ގޮތަށް ކަމަށެވެ.. އަދި ޕްލޭނިންގ މިނިސްޓްރީން މިކަން އެކުލަވާލަމުން މެއިންޑޭޑްކޮށްފައި މިވަނީ ހަފުތާއަކު 7 ދުވަހު ހިދުމަތްދޭން ޖެހޭނެ ކަމަށާ އެއްވެސް ހިދުމަތެއް ހުއްޓިއްޖެއްޔާ ބެކަޕް ޕްލޭނެއްގެ ދަށުން މިކަން ކުރިއަށްގެންދަން ޖެހޭނެ ގޮތަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
މި ނެޓްވޯކް ގާއިމުކުރެވިގެންދިޔުމުން ވަރަށް ބޮޑު ފަސޭހަތަކެއް ލުއިތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، މި ނިޒާމުގައި ބޭނުންކުރެވިގެންދާނީ ގާތްގަނޑަށް 48 ފޫޓްގެ، 40-50 މީހުންގެ ޖާގައިގެ ލޯންޗުތައް ކަމަށެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކީގައި އަރައި ފޭބޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.
"އަމިއްލައަށް ގޮނޑީގައި ދުއްވާލާފައި އައިސް ލޯންޗަށް އެރޭނެ ގޮތަށް ލޯންޗުތައް ހެދިގެންދާނެ. އެކަމަށް ވަނީ ޝަރުތުކޮށްފަ." އާޒިމް ވިދާޅުވި އެވެ.
މި ހިދުމަތް ސެމްޓެބަރުމަހު ފަށަން އަމާޒު ހިފާފައިވާއިރު މިއީ ވަރަށް ކުރު މުއްދަތެއްގައި ކަމަށާ އެހެންނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަމުން މިދަނީ މި ޓާގެޓް ހާސިލުކުރުމަށް ކަމަށެވެ. މިކަން ކުރުމަށް ބޭނުންވާ ފައިސާގެ ކަންކަން ސަރުކާރުން ވަރަށްވެސް ދީލަތިކަމާއެކީގައި ހަމަޖައްސައިދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އެހީތެރިކަމާއެކީގައި މި ކުންފުނީގެ އަސްލު މަސައްކަތަށް ވާސިލުވުމުގެ ފުރުސަތެއް އެމްޓީސީސީއަށް ލިބިގެން މިދިޔައީ. ސަރުކާރުގެ ދުރުވިސްނުމުގައި ކުންފުނިތައް އުފެދިފައިވާ މައިގަނޑު މަގުސަދުގައި ތަރައްގީކުރުމަށްޓަކަ ކުރިއެރުމަށްޓަކާއި އެކަން ވަރަށް ރަނގަޅަށް ފާހަގަކުރެވިގެން މިދަނީ. އެމްޓީސީސީގެ ބޯޑުވެސް ދެކެނީ މިއީ އެމްޓީސީސީ އަސްލު މަސައްކަތަށް ދިޔުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް. މި ދޮރު ހުޅުވައިދެއްވީތީ ރައީސުލް ޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރަން." އެމްޓީސީސީގެ އެމްޑީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ