އެދެނީ މާޗުގައި އިންތިހާބު ބާއްވަން، 50 ޕަސަންޓު މަތިން ކާމިޔާބު ކުރާނަން: ރައީސް ނަޝީދު

އުންމީދަކީ، ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހު ބޭއްވުން ކަމަށާއި 50 ޕަސަންޓް މަތިން އެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑާ ގުޅިގެން ލަސްކުރި އިންތިހާބު ވީހާވެސް އަވަހަކަށް ބާއްވަން ޖެހޭ ކަމަށެވެ. "އަޅުގަނޑު އުންމީދު ކުރަން މާޗު މަހު ކުރީކޮޅު އިންތިހާބު އޮންނާނެ ކަމަށް. އަޅުގަނޑު ތާރީހަކީ މާޗް ހަތެއް ނުވަތަ ފަހެއް،" ރައީސް ނަޝިދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު އަގުލަބިއްޔަތުން އެމްޑީޕީން ކާމިޔާބު ކުރުމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމްޑީޕީން އަބަދުވެސް އޮންނާނީ އިންތިހާބުތަކަށް ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ. "މަޖިލިސް އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނީ 48 ޕަސެންޓް ޕޮޕުލާ ވޯޓުގައި، މިފަހަރު އަމާޒަކީ 50ގެ ލައިން ކްރޮސް ކުރުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އެމްޑީޕީ އަބަދުވެސް އޮންނާނީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިގެން. ޕޭރެންޓް ޓީޗާ އެސޯސިއޭޝަން އިންތިހާބުވެސް އަޅުގަނޑުމެންނަށް ހުޅުވާލައިފިއްޔާ ވާދަ ކުރާނަން،" މި އަހަރު އެޕްރީލް މަހު ބާއްވަން ތާވަލް ކުރި ކައުންސިލް އިންތިހާބު އަންނަ މާޗު މަހު 16ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހުރެ އެ އިންތިހާބު ބޭއްވުމަށް ވަނީ އެކި ހުރަސްތައް އެޅިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ