ރަށްރަށަށް އަރައިގެން ވައްކަން ކުރަމުންދާ ބަޔަކު ހައްޔަރު ކޮށްފި.

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް ޖަމާއަތް ހަދައިގެން އަރައި ރާވައިގެން ބޮޑެތި ވައްކަންކޮށް މުދަލަށް ގެއްލުންދޭ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި، އެމީހުންގެ ތެރެއިން 5 މީހަކު ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ 3 ތަނެއް ބަލައި ފާސްކޮށްފައި ވެ އެވެ. އޭގެ އިތުރުން އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
އަދި މި މައްސަލައިގައި ހަވަނަ މީހަކު އިއްޔެ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިޒު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ