ރޭޕް ތުހުމަތުވާ މީހާ ދޫވީ މެންބަރުގެ ނުފޫޒުން ކަމަށް ނުދެކެން އެދެން: ރައީސް ނަޝީދު

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ދޫވީ ރައްޔިތުންްގެ މަޖިލީހުގެ މެމްބަރެއްގެ ނުފޫޒުން ކަމުގައި ރައްޔިތުންް އެއްގޮތަކަށް ވެސް ނުދެކުމަށް، ރައްޔިތުންްގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި މައްސަލައިގެ ތަހުގީގަށާއި ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލުމުގައި ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ދެކެވޭތީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.މި ކުއްލި މައްސަލައިގެ ބަހުސްގައި މެންބަރަކު ވާހަކަ ދެއްކުވުމަށް ފަހު، އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖިންސީ ގޯނާގެ މި މައްސަލައިގެ ތެރޭގައި ސިޔާސީ އެތައް ބާވަތެއްގެ މައްްސަލައެއް އުޅޭ ކަމަށް ފާހަގަވާ ކަމަށެވެ.މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައި ވަނީ، އެ ދެ މީހުންގެ ތެރެއިން އެކަކީ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލަކަށް ވުމުން ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ވާހަކަތައް ދައްކަވަމުން ވާދަވެރި ޕާޓީތަކުގެ މެންބަރުން ކަމަށެވެ."ދެން މީގާ އޭނާ ހައްޔަރުގައި ބެހެއްޓުން އެއީ މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ ބާރާއި ނުފޫޒުން ކަމަށް ހައްޔަރުގައި ނެތުން ކަމަށް އެއްގޮތަކަަށް ވެސް އެއްވެސް ރައްޔިތަކު ދެކިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ ފުލުހުން ކުރާ އެއްވެސް ތަހުގީގަކަށް، ވަކިން ހާއްސަކޮށް ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގާ ގުޅިގެން މަޖިލީހުގެ މެމްބަރަކު އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ނުވަތަ ކަމަކާ ހަވާލުވެ ހުރި މީހަކަށް އިރުޝާދެއް ނުވަތަ ލަފައެއް ދިނުމަށް ނުވަތަ މައުލޫމާތެއް ހޯދުމަށް ވެސް ފޯނުކޮށް ހެއްދެވުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ."އެއީ މި މަޖިލީހުން އެއްގޮތަކަށް ވެސް ހަމަކަށަވަރުން ވެސް ރިޔާސަތުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ.އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.މިކަމުގައި ސަރުކާރުގެ ބޮޑުންގެ މައްޗަށް ތުހުމަތު ކުރެވޭ އިރު، އެކަން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ