ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ/އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވާ ކަމަށް އެއެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ކުރިއަށްއޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި ރަށްރަށަށް ކުރާ ދަތުރުކުރުތައް އިތުރުވުމާއި ގޭގެއަށް ޒިޔާތަރަތް ކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭއީން ވަނީ އިލްތިމާސްކުރައްވާފައެވެ. އެހެންކަމުން ދަތުރުފަތުކުރުކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން އެ އޭޖެންސީން ވަނީ ހާމަކުރައްވާފައެވެ.
ހުންއައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.
ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން. ޞިއްޙީ ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން، އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުން.
ހިމަބިހީ އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކުއެޅުން.
ސައިބޯނި ލައިގެން ރަނގަޅަށް އަތޮ ދޮވުން ނުވަތަ ސެނިޓައިޒްކުރުން
ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.
މަދިރީގެ ޒަރިޢާ އިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް:
މަދިރިހެފުމުން ރައްކާތެރިވުމަށް DEET، IR3535 ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުމާއި ހަށިގަނޑު ބޮޑަށް ނިވާވާގޮތައް ހެދުންއެޅުމާއި މަދިރިގެ ބޭނުންކުރުމާއި ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެހެން ދާ ޖެހުން.
ގެއާ ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުން
ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވާއިރު، އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ޙިއްޞާކުރާ މައުލޫމާތަށް ބަރޯސާވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ބަލިތައް އިތުރުވާތީ، ބަންދުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ