އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ވަޒީރުންގެ މަޖިލީހުން މި ގޮތަށް ނިންމީ އެސްޑީއެފްސީގެ ހިއްސާ ގަތުމަށް ބީއެމްއެލްއިން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ކަމަށެވެ. އަދި މިކަމަށް އަންނަ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓްރީން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.ސަރުކާރުން މި ގޮތަށް ނިންމާފައި މި ވަނީ މީގެ ކުރިން ވެސް އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް އަރާފައި ވަނިކޮށެވެ. އެކަމަކު އޭރު ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލި ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލްގެ މާލީ ގާބިލުކަމުގެ ތެރެއިން ލޯނު ލިބެމުން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ."އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ފަހު، އެ ތަން ހިނގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިޓިއުޓެއް ގޮތުގައި، ޑިޖިޓަލް ބޭންކިން ނިޒާމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.އޭގެ އިތުރުން އިންޓްރެސްޓު ރޭޓުތައް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދިނެވެ. އަދި މި ނިންމުމާ އެއް ގޮތަށް ކަންކަން ހަމަޖެހިގެން ދިޔުމުން ބީއެމްއެލްގެ ވިއުގަ މެދުވެރުކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ފައިނޭންސިން ހިދުމަތް ތައާރަފުވެގެން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ހާއްސަ މާލީ ވުޒާރާއެެއް އުފެއްދުމުގެ މަގުސަދުގައި ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން 2019 ގައި އުފެއްދި ބޭންކެކެވެ. އެ ބޭންކުން ވަނީ މިވީ ހަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަކަށް ލޯނު ދޫކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ