އަތުލައިގަތް ލަންކާގެ ބޯޓުތަކުން ގިނަ ޢަދަދެއްގެ މިޔަރު ބާނާފައިވޭ: އެމްއެންޑީއެފް

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ 3 މަސް ބޯޓް، މާލެ ގެނަައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހު ކަމަށެވެ. ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ 6 ފަޅުވެރިން ތިބިކަމަށް އެމް.އެން.ޑީ.އެފުން ހާމަކުރައްވާފައިވެއެވެ.
ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ 3 ވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. 7 ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މިބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރިކަން އެމް.އެން.ޑީ.އެފުން ވިދާޅުވެފައިވެއެވެ.
ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާ އެހާކަންހާއިރު ކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ