ނިއުދިއްލީގެ ރައްޔިތުން ކުރީގެ ޗީފް މިނިސްޓަރު ބިރުގަންނުވާލައިފި

އިންޑިއާގެ ވެރިކަން ކުރާ ރަށް ނިއުދިއްލީ ސްޓޭޓް އެސެމްބްލީ އިންތިހާބު ކުރީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލްގެ އާމް އާދުމީ ޕާޓީ (އާންމު މީހާގެ ޕާޓީ) ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.
އުމުރުފުޅުން 46 އަހަރުގެ ކުރީގެ ސިވިލް ސާވަންޓް އަދި ފަހުން ސިޔާސީ މައިދާނަށް ނުކުންނެވި އަރްވިންދުގެ އާމް އާދުމީ ޕާޓީ، އޭއޭޕީން ވަނީ 70 ގޮނޑި ހިމެނޭ ނިއުދިއްލީގެ ސްޓޭޓް އެސެމްބްލީގެ 67 ގޮނޑި ކާމިޔާބު ކޮށްފައެވެ. މިހާރު ވެރިކަން ކުރައްވާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް ކާމިޔާބު ކުރެވުނީ އެންމެ ތިން ގޮނޑިއެވެ. މިއީ ބޮޑުވަޒީރު މޯދީއަށް ކުރިމަތިވެވަޑައި ގަންނަވާނެ ބޮޑު މައްސަލައެއް ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ. ކޮންގްރެސް ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުކުރެވުނެވެ.
މިނަތީޖާއާ ގުޅިގެން އަރްވިންދު ކެޖްރިވާލް ނިއުދިއްލީ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމުގެ ހުވާ އަންނަ ހޮނިހިރު ދުވަހު ކުރައްވާނެއެވެ. މިއީ މިދިޔަ އަހަރު ޗީފް މިނިސްޓަރު ކަމުން އޭނާ އިސްތިއުފާ ދެއްވި ދުވަސްވެސް މެއެވެ. އޭނާ ޗީފް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ކޮންގްރެސް ޕާޓީގެ ތާއީދާ އެކު އެކުލަވާލެއްވި އަޣުލަބިއްޔަތު ކުޑަ ސަރުކާރަށް 49 ދުވަސް ފުރުނު ދުވަހުއެވެ. އެހެން ނަމަވެސް، މިފަހަރު ކެޖްރިވާލް މަގާމުގެ ހުވާ ކުރައްވަނީ ނިއުދިއްލީ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ ވަރަށް ސާފު އަޣުލަބިއްޔަތަކާ އެކުގައެވެ.
ކެޖްރިވާލް އިސްތިއުފާ ދެއްވި ފަހުން އަހަރު ވެގެން ދިޔައިރުވެސް ދިއްލީގައި ސްޓޭޓް ސަރުކާރެއް ނެތެވެ.
އާމް އާދުމީ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އެއްވި މީހުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަރްވިންދު ކެޖްރިވާލް ވަނީ ދިއްލީގެ ރައްޔިތުން އެޕާޓީއަށް ދިން މަތީ ތާއީދަކީ "ބިރުވެރި" ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އާމް އާދުމީ ޕާޓީ އަބަދުވެސް ހިނގާނީ ހައްގުގެ މަގުން ކަމަށާއި، އޭނާގެ ސަރުކާރުގެ އެންމެ އިސް މަސައްކަތަކަށް ވާނީ ދިއްލީން ރިޝްވަތުގެ ބަލި ފޮހެލުން ކަމަށާއި، އޭނާ ވެވަޑައި ގަންނަވާނީ ރައްޔިތުންގެ ޗީފް މިނިސްޓަރަކަށް ކަމަށްވެސް ކެޖްރިވާލް ވިދާޅުވިއެވެ.
ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ވޯޓްގެ ނަތީޖާ ހާމަކުރަން ފެށުމާއެކު ހެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ކެޖްރިވާލްއަށް ގުޅުއްވައި، ބަލި ގަބޫލު ކުރައްވައި މަރްހަބާ ވިދާޅުވެފައެވެ. އަދި ދިއްލީގެ ތަރައްގީއަށް މައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިއްލީގެ އިންތިހާބުން ބީޖޭޕީ ބަލިވުމަކީ ބޮޑުވަޒީރު މޯދީގެ މަގްބޫލުކަމަށް އެޅުނު ހުރަހެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ސިފަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ