ޔާމީނާއި އުމަރުގެ ވާހަކަ: "މައުމޫނުގެ ނުފޫޒު ޕީޕީއެމްގައި އޮތުމަކީ އުފާވާ ކަމެއް، އެކަމަކު އެފަދަ ނުފޫޒެއް ނެތް"

ޕީޕީއެމްގައި މައުމޫންގެ ނުފޫޒު އޮތުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އެ ޕާޓީ ބައްޓަން ކުރާނީ މައުމޫން ބޭނުންފުޅުވާ ގޮތަށް ކަމަށް ޕާޓީގެ ވަގުތީ ކައުންސިލުގައި ހިމެނިވަޑައިގްނަނަވާ އުމަރު ނަސީރާއި މައުމޫންގެ ކޮއްކޯފުޅު އަބްދުއްﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ވީޓީވީ "ފަސްމަންޒަރު" ޕްރޮގްރާމްގައި މިރޭ، އެ ދެބޭފުޅުން ވެސް ވިދާޅުވީ ޕީޕީއެމްއަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި އެޕާޓީގެ ތެރޭގައި ރައީސް މައުމޫންގެ ނުފޫޒެއް ނެތް ކަމަށެވެ.
"މިޕާޓީއަކީ ރައީސް މައުމޫން އުފައްދަވާ ޕާޓީއެއް. އެހެންވީމާ ރައީސް މައުމޫން ބޭނުންފުޅުވާ ގޮތަކަށް އަޅުގަނޑުމެން މި ޕާޓީގެ ކަންކަން ބައްޓަން ކޮށްދޭނަން. އެކަމަކަށް އެއްވެސް ބޭފުޅަކު ހުރަހެއް ނާޅާނެ. މި ޕާޓީއަށް ސޮއިކުރާ އައްޑިހަ ޕަސެންޓް ބޭފުޅުނަކީ މައުމޫންގެ ސަޕޯޓަރުން ، އެކަން އަޅުގަނޑުމެނަކަށް ނޯޅޭ. މީގެ ކުރިން ޑީއާރްޕީގައި ތިބިއިރު ޑީއާރްޕީގެ ބައެއް ބޭފުޅުންނަށް އެކަން އޮޅުނީ އޮޅުނު ބޭފުޅުން މިހާރަތު އެތިބީ ކަނޑުވެފައި. އަޅުގަނޑުމެނަށް ޔަގީންވާ އެއް ކަމެއް އެބައޮތް އަޅުގަނޑުމެން ކިތަންމެ ބާރުތަކެއް ރައީސް މައުމޫންގެ އަތްޕުޅަށް ދިން ކަމަށް ވިޔަސް އެބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިއްޕަވާނެކަން. މިއަދާ ހަމައަށް އެ މަންޒަރެއް އަޅުގަނޑުމެނަކަށް ނުފެނޭ. ފެންނުނީ ވަރަށް ޑިމޮކްރެޓިކްކޮށް ހުޅުވާލެފައިވާ ނިޒާމެއްގެ ތެރޭގައި މަޝްވަރާ ކުރެވިގެން ވޯޓަށް ގޮސްގެން އިއްތިފާގުވެގެން ކަން ކުރާތަން،" އުމަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައީސް މައުމޫންގެ ނުފޫޒު ޕީޕީއެމްގައި ގަދަވުމަކީ އެބޭފުޅުން ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން އެއީ އަޅުގަނޑުމެން އުފާ ކުރާ ކަމެއް އެއީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްއާ ގުޅެނީ މައުމޫންގެ ލެޖެސީ ގަބޫލު ކުރާ، މައުމޫންގެ ސިޔާސަތުތައް ގަބޫލު ކުރާ ފަރާތްތައް ކަމަށާއި ރާއްޖެވެސް އޮތީ ރައީސް މައުމޫންގެ ސިޔާސަތުތަކަށް ލެނބިފައި ކަމަށެވެ.
"ގައުމުގެ 70 ނޫނީ 80 ޕަސެންޓް އެދެނީ މައުމޫން ކަހަލަ ލީޑަރަކަށް އެހެންވީމާ އަޅުގަނޑުމެން ޕާޓީ މިއުފައްދަނީ އެމަނިކުފާނަކީ ޕާޓީ އުފައްދާ ބޭފުޅާއަށް ހަދައިގެން. ހަދާއިރު އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ކަންބޮޑެއް ނުވޭ ރައީސް މައުމޫނުގެ ނުފޫޒު ކިތަންމެ ގަދަވިޔަސް . އެކަމަކު ހަގީގަތީ އެފަދަ ނުފުޒެއް ނުވެސް ނެތް. ވޯކިން ކޮމެޓީތެރޭގައި ބަހުސް ކުރެވިގެން ކަންކަން ނިމިގެންދަނީ،" އުމަރު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގައި އޮތީ ރައީސް މައުމޫނާ އެއްކޮޅަށް އޮތް ފިކުރަކާއި މައުމުނާ ދެކޮޅު ފިކުރެއް ކަމަށެވެ. ވިދާޅުވީ ރައީސް މައުމޫނާ ދެކޮޅު ފިކުރު އިއްތިހާދުވެގެން އުފައްދާފައިވާ ސަރުކާރަށް ދެ އަހަރު ބައިވެ ތިން އަހަރަށް އަޅައިގަތް އިރު ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ފޭލިވެފައިވާތަން ކަމަށެވެ. އަދި މައުމޫނާ ދެކޮޅު ފިކުރަށް ވުރެ މައުމޫނާ އެއްކޮޅު ފިކުރު ރާއްޖެއާ ދޯޅުވެފައިވާ ކަމަށެވެ.
"މިޕާޓީގައި މައުމޫން އިސްކޮށް ހުންނަވައިގެން މިކަން ކުރަންޖެހޭ ސަބަބަކީ އަޅުގަނޑުމެން ރާއްޖޭގައި އިދކޮޅު ޕާޓީއެއް އުފެދޭ ކަމަށްވަންޏާ އެޕާޓީއެއްގެ އިސް ބޭފުޅެއްގެ ގޮތަށް ރައީސް މައުމޫންގެ ދައުރު ވަރަށް މުހިންމު. އެކަމަކު އަޅުގަނޑުމެން ކަށަވަރުކުރަން އަޅުގަނޑުމެންގެ މަގާމުތަކަށް މީހުން އަންނާނީ މެންބަރުންގެ ވޯޓުން އިންތިހާބުވާ ބޭފުޅުން ކަން އެހެންވީމާ ރައްޔިތުންގެ އަތުގައި އޮތީ ކިހާވަރެއްގެ ދައުރެއްތޯ މައުމޫނަށް އަރުވާނީ ނޫނީ ނާރުވާނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގައި ރައީސް މައުމޫން ކަންކަން ކުރައްވަނީ އަދި ކުރައްވާނީ ވެސް މަޝްވަރާގެ މަތީ އަޣުލަބިއްޔަތަށް ކަމަށެވެ. ކައުންސިލުގެ މެންބަރުންނާ އިދިކޮޅު ހިޔާލެއް ގެންގުޅުއްވައިގެން ޕާޓީގެ ކަންކަމާއި ކައުންސިލު ވަކި ގޮތަކަށް ބައްޓަން ނުކުރައްވާނެ ކަން ކަށަވަރު ކަމަށެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ވަގުތީ ކައުންސިލުގެ ގާތްގަނޑަކަށް 20 ޖަލްސާ ބޭއްވުނު އިރު މިހާތަނަށް ދުވަހަކުވެސް ރައީސް މައުމޫން ގޮތެއް ނިންމަވައިގެން އެގޮތް ދެއްވަން ވަޑައި ނުގަންނަވާ ކަމަށެވެ. ބަދަލުގައި ޕާޓީގެ ހުރިހާ ކަމެއް ވެސް ނިންމަނީ ކޮމެޓީގައި ބަހުސް ކުރެވި ވޯޓުން ކަމަށެވެ.
"ރައީސް މައުމޫން މިހާ ހިސާބަކަށް އަދި ވަޑައެއް ނުގަންނަވާ ހިޔާލެއް ހިއްޕަވައިގެން އަޅުގަނޑުމެންގެ ބޮލުގައި އަޅުވާކަށް، އަޅުގަނޑުމެން ކޮންވިސް ކުރާކަށް. މުޅިން އަޅުގަނޑުމެން އެރުވި އެއްޗެއް އަދި އެމަނިކުފާނު ވެސް ފްލޯޓް ކުރައްވާ ހިޔާލެއް ކޮމެޓީގައި މަޝްވަރާކޮށް އަޣުލަބިއްޔަތުން ނިންމާފައިވާނީ. މިއާ ހިލާފަށް އަޅުގަނޑުމެން ކުރިން ތިބި ޕާޓީގައި ކައުންސިލަށް ވަޑައިގަންނަވަނީ ގޮތް ނިންމަވައިގެން ކައުންސިލުގެ ބޭރުގައި ޗުކުޗުކު ލައްވާ ވާހަކަ ދައްކައިގެން ވަކިވބަޔަކު އެއްވެ ގޮތް ނިންމަވައިގެން ވަޑައިގަންނަވަނީ،" އުމަރު ވިދާޅުވީ އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް ބައްޓަން ކުރަނީ އެއްވެސް މީހަކަށް ކޮންޓްރޯލެއް ނޯންނަ ގޮތަށް ކަމަށާއި ލީޑަރަކަށް ހުންނަ މީހާއަށް ވީޓޯ ޕަވަރެއް ދިނުމާމެދު ނުވިސްނާ ކަމަށެވެ. އަދި ޕީޕީއެމް އުފައްދަނީ ތަޖުރިބާގެ އަލީގައި ކަމަށެވެ.
ޕީޕީއެމްގައި ހިޔާލު ތަފާތުވުންތަކެއް ފެންމަތިވެފައިވާ ކަމަށް ދެކެވޭ ވަހަކަތަކަށް ވެސް ޔާމީނާއި އުމަރު މިރޭ ވަނީ ރައްދު ދެއްވައި އެކަން ދޮގު ކުރައްވާފައެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ އެއީ "ބުހުތާން ދޮގެއް" ކަމަށެވެ.
"އެގޮތަށް ދައްކާ ވާހަކަތަކީ މައުލޫމާތު ނެތި ދައްކާ ވަހަކަތަކެއް" އުމަރު ވިދާޅުވި އެވެ. "ހަގީގަތުގައި އެއްވެސް މައްސަލައެއް ނެތް. މިވާހަކަ ދެއްކުމުގެ ބޭނުމަކީ އަޅުގަނޑުމެނާ ވަރަށް ގިނަ ބަޔަކު ގުޅެމުން ދާތީ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ގުޅެމުންދާތީ އެކަން ހުއްޓުވައިލުމަށް. އަޅުގަނޑުމެނެއް ބައިބައެއް ނުވާނެ ސަބަބަކީ އަޅުގަނޑުމެން ޑިމޮކްރެޓިކް ޕްރިންސިޕަލް ގަބޫލު ކުރާތީ،" އުމަރު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގައި ބައިބައިވުން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ އޮއްޓަރެއް އޮތް މައުލޫއެއް ނޫން ކަމަށާއި އެއީ ދައްކާނެ ވާހަކައެއް ނެތިގެން ދައްކާ ފިނޑި ވާހަކަތަކެއް ކަމަށެވެ.
މިރޭ ޔާމީންނާއި އުމަރުވެސް ވެސް ވިދާޅުވީ ޕީޕީއެމް އަމާޒު ކުރަނީ 2013 ރިޔާސީ އިންތިހާބަށް ކަމަށާއި އެކަން ކާމިޔާބު ކުރާނެ ކަމަށެވެ. އެކަން ކުރުމުގައި ޕާޓީން ދޭން ކޮންމެ ރޯލެއް އެ ދެބޭފުޅުން އަދާ ކުރައްވާނެ ކަމަށާއި މެންބަރުން ހަވާލު ކުރާ ރޯލެއްގައި ސާބިތުވެ ތިއްބަވާނެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯUmar"s Speech (mp3)Yameen"s Speech (mp3)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ