ދިރާގު ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތާ އެކު ދިރާގު ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ހުޅުވައިފި

ދިރާގުގެ ބިލުތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާ އެކު ދިރާގު ޕާޓްނާ ފިހާރައެއް ވިލިމާލޭގައި މިއަދު ހުޅުވައިފި އެވެ.ދިރާގުގެ "727 ޓެލެޝޮޕް" މިއަދު ހެނދުނު ހުޅުވައިދެއްވީ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދެވެ. މިއީ އަމިއްލަ ފަރާތްތަކާ ގުޅިގެން ދިރާގުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ހުޅުވި މިފަދަ 14 ވަނަ ފިހާރަ އެވެ.ދިރާގުގެ ރީޓެއިލް އެންޑް ޑިސްޓްރިބިއުޝަން މެނޭޖާ ޒިޔާއު ސަމަދު މިއަދު ވިދާޅުވީ، "727 ޓެލެޝޮޕް" އިން ދިރާގުގެ ޕްރީޕެއިޑްގެ ޚިދުމަތްތަކުގެ އިތުރުން ހުރިހާ ޕޯސްޓްޕެއިޑް ބިލް ޕޭމެންޓްގެ ޚިދުމަތްތަކެއް ވެސް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެ ފިހާރައިން މޯބައިލް ފޯނާއި އިންޓަނެޓުގެ ބިލުތަކަށް ފައިސާ ދެއްކޭނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ. އަދި ދިރާގުން މަސައްކަތް ކުރަމުން އަންނަނީ މި ގޮތަށް ހުޅުވޭ ފިހާރަތަކުން ދިރާގުގެ އިތުރު ޚިދުމަތްތައް ވެސް ފޯރުކޮށްދިނުމަށް ކަމަށާއި ވަރަށް އަވަހަށް ދިރާގު ޓެލެޝޮޕްތަކުން އިތުރު ޚިދުމަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.ޒިޔާއު ވިދާޅުވި ގޮތުގައި، "727 ޓެލެޝޮޕް" އިން ބިލަށް ފައިސާ ދައްކާއިރު، ކޭޝް ކާޑާއި އަދި ޗެކުތައް ވެސް ގަބޫލުކުރާނެ ކަމަށެވެ. އަދި އެ ފިހާރާގައި ވެސް މަސައްކަތްކުރާނީ ދިރާގުން ފުރިހަމައަށް ޓްރައިންކޮށްފައިވާ މުވައްފަޒުން ކަމަށް ވެސް ވިދާޅުވި އެވެ."މުވައްޒަފުން ފުރިހަމައަށް ޓްރެއިންކޮށްފައި ހުންނާނީ. ޕޭމަންޓް އެއްޗެހި ކޭޝް ކާޑު އަދި ޗެކުންވެސް ޕޭކުރެވޭނެ. އެހެންވެ، ދިރާގުން ޚިދުމަތް ހޯދުމެކޭ އެ ފިހާރައަށް ވަދެ ޚިދުމަތް ހޯދުމެކޭ ހަމަ އެއްގޮތެއް ވާނީ" ވިލިމާލޭގައި ހުންނަ ދިރާގުގެ އޭޖެންޓް ބަލްކް ކޮމްޕެނީއާ ގުޅިގެން ހުޅުވި ޓެލެޝޮޕާ ގުޅޭ ގޮތުން ޒިޔާއު ވިދާޅުވި އެވެ.ޒިޔާއު ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ކަސްޓަމަރުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް އަތޮޅުތަކުގެ ތެރޭގައި އާއި މާލޭގައި ދިރާގުގެ ޚާއްސަ ޓެލެޝޮޕްތައް ހުޅުވުމުގެ މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ."ވަކި ފިޔަވަހިތަކަކަށް ބަހައިލައިގެން މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. މިހާރު މާލޭގައި ދެ ފިހާރަ ހުޅުވައިފައި ހުއްޓަސް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ދެ ފިހާރަ ހުޅުވިގެންދާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ