އެސްޓީއޯގެ އާމްދަނީ 9 ބިލިއަނަށް އަރައި ފައިދާ 34 އިންސައްތަ އިތުރުވެއްޖެ

އެސްޓީއޯގެ ތާރީހުގައި ކުންފުނިން ވިއްކާފައިވާ މުދަލާއި ހިދުމަތުގެ އަގު 9.47 ބިލިއަނަށް އަރައި، ކުންފުނީގެ ފައިދާ 2010 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު 34 އިންސައްތަ އިތުރުވެއްޖެ އެވެ.
ކުންފުނިން ނެރެފައިވާ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ކުންފުނިން ވިއްކާފައިވާ މުދަލާއި ހިދުމަތުގެ އަގު ވަނީ 9465 މިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ކުރީ އަހަރު ވިއްކާފައިވާ މުދަލުން ކުންފުންޏަށް ވަދެފއަި ވަނީ 4742 މިލިއަން ރުފިޔާ އެވެ. އެއީ 99.6 އިންސައްތަ ކުރިއެރުމެކެވެ. އެހެން ނަމަވެސް ސާފު ފައިދާއަށް ބަލާއިރު ކުރިއަރާފައި ވަނީ 34 އިންސައްތަ އެވެ. އެއީ އޭގެ ކުރީ އަހަރު ސާފުި ފައިދާއަށް ލިބިފައިވާ 142.9 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު އެވެ.
އެސްޓީއޯއިން ބުނެފައި ވަނީ ކުންފުނީގެ އާމްދަނީ އިތުރުވެގެން ގޮސްފައިވާ މައިގަނޑު ސަބަބަކީ އެކުންފުނީގެ 99 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީގެ އާމްދަނީ އިތުރުވެގެން ދިއުމާ ގުޅިގެން ނެވެ. މިދިޔަ އަހަރު އޮއިލް ކުންފުނީގެ ފައިދާ ވަނީ 2.3 ބިލިއަނަށް އަރާފައެވެ. އެއީ މުޅި އެސްޓީއޯ ގުރޫޕުގެ އާމްދަނީގެ 20 އިންސައްތަ އެވެ. އަދި އެކުންފުނީގެ ހިއްސާއޮންނަ ފިއުލް ސަޕްލައިންވެސް ވަނީ އާމްދަނީގެ ގޮތުގއަި 2.3 މިލިއަން ރުފިޔާ ހޯދާފައެވެ.
ހަމައެކަނި އެސްޓީއޯއިން ކޮށްފައިވާ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 147 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އޭގެ ކުރީ އަހަރު ލިބިފައި 119 މިލިއަން ރުފިޔާ އެވެ. މުޅީ ގުރޫޕުގެ ސާފު ފައިދާގެ ގޮތުގައި 192 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު 142.9 މިލިއަން ރުފިޔާއަށް ވުރެ 49.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންކަމުން ހިއްސާއަކަށް 170.9 ރުފިޔާ ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ