ފެރީތަކުގެ ދުވެލި އަވަސްކުރުމަށް ބާރުއަޅާނަން: މިނިސްޓަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދޭ ފެރީގެ ހިދުމަތުގައި މިހާރަށް ވުރެ ދުވެލި އަވަސްކުރުމަށް ބާރުއަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމު ވިދާޅުވެއްޖެ އެވެ. އާދިލް ވިދާޅުވީ ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް މީހުން ދަތުރުކުރާއިރު ފެރީގައި ހޭދަކުރާ ވަގުތަކީ ބޭކާރުވެގެންދާ ވަގުތެއްގެ ގޮތުގައި ވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. "ފެރީގައި ދާއިރު ވިޔަފާރިކުރާ މީހުންނަށް އިންޓަނެޓްގެ ހިދުމަތް ވެސް ލިބެންޖެހޭ. އޭރުން އެ މީހުންނަށް އެ ވަގުތު ބޭކާރުވެގެން ނުދާނެ،" އާދިލް ވިދާޅުވި އެވެ. ފެރީތަކުގައި މީހުން ހޭދަކުރާ ވަގުތަކީ ފައިދާ ހުރި ގޮތުގައި ބޭނުންކުރާ ވަގުތަކަށް ހެދުމަށްޓަކައި އިންޓަނެޓްގެ ހިދުމަތުގެ އިތުރުން މުނިފޫހިފިލުވުމުގެ ހިދުމަތްތައް ގާއިމުކުރުމަށް ވިސްނާފައިވާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ފެރީގެ ހިދުމަތަކީ އާންމު ހިދުމަތެއްކަމުން އަތް ފޯރާ ފަށުގައި އެ ހިދުމަތް މީހުންނަށް ލިބެންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހެއްދެއްގައި ވެސް ވީހާ ވެސް ރަނގަޅު ފެރީގެ ނިޒާމެއް ގާއިމުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ހަރަދުތަކެއް ހިނގާނެ ކަމެއް. އެހެންވީމާ މި ހިދުމަތް މުޅިން ހިލޭ ނުދެވޭނެކަން ގަބޫލްކުރަންޖެހޭ،" އާދިލް ވިދާޅުވި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފެރީގެ ހިދުމަތް ފުޅާކުރާއިރު މިހާރަށް ވުރެ ރައްކާތެރިކޮށް ދަތުރުތައް ރޭވިގެންދާނެ ގޮތްތައް ވެސް ބަލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ