ޔޫރަޕްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ކޭޓް ވިންސްލެޓަށް

ޔޫރަޕްގެ ފިލްމު އެކަޑެމީގެ އަހަރީ އެވޯޑް ހަފުލާގައި މިފަހަރު އެންމެ ބޮޑު ހިނިތުންވުމެއް ލިބުނީ އިނގިރޭސިވިލާތުގެ ކާމިޔާބު ބަތަލާ ކޭޓް ވިންސްލެޓަށެވެ. އުމުރުން 34 އަހަރުގެ ބަތަލާ އަށް މި އަހަރުގެ ހަފުލާގައި އެންމެ މޮޅު ބަތާލެ އެވޯޑް ލިބުމުން އޭނާ ވަނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ބަތަލާގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ. ފިލްމު އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްތައް ކަމަށްވާ އެކަޑެމީ އެވޯޑް (އޮސްކާ) އާއި ގޯލްޑެން ގްލޯބް އަދި ބަފްޓާ ހާސިލުކޮށްފައިވާ ވިންސްލެޓަށް ޔޫރަޕްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނީ މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ދަ ރީޑާ" އިންނެވެ. ޑައިރެކްޓަރު ޕީޓަ ޖެކްސަންގެ "ހެވެންލީ ކްރިއޭޗާސް" އިން ބެލުންތެރިންނަށް އެންމެ ފުރަތަމަ ފެނިގެން ދިޔަ ވިންސްލެޓް ފިލްމީ ހަޔާތުގެ އެންމެ ކާމިޔާބު އަހަރަކަށް ވެފައި ވަނީ މިދިޔަ އަހަރެވެ. އޮސްކާގެ އިތުރުން ގޯލްޑެން ގްލޯބް އަދި ބަފްޓާ އާއި ސްކްރީން އެކްޓާސް ގިލްޑް އެވޯޑް އޭނާ އަށް މިދިޔަ އަހަރު ލިބިފައި ވަނީ "ދަ ރީޑާ" އިންނެވެ. ކޭޓް ވިންސްލެޓަކީ އެންމެ ގިނައިން އެކަޑެމީ އެވޯޑަށް ނޮމިނޭޓްވެފައިވާ ބަތަލުންގެ ތެރޭގައި ވެސް ގުނާލެވޭ ފަންނާނެކެވެ. އޭނާ ހަ ފަހަރެއްގެ މަތިން އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ. ވިސްލެޓް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ޖޭމްސް ކެމެރޮންގެ "ޓައިޓޭނިކް" ގައި އޭނާ އަދާކޮށްފައިވާ ރޯޒްގެ ބައިންނެވެ. ވިންސްލެޓްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އެޓާނަލް ސަން ޝައިން އޮފް ސްޕޮޓްލެސް މައިންޑް" ވެސް ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ