މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީގެގޮތުގައި 200 މިލިއަން ރުފިޔާގެ ހޯދުމަށް ހުށަހަޅައިފި

އަންނަ އަހަރު ދައުލަތައް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ތަކުގެ ތެރެއަށް އެކި ޓެކްސްތައް ނަގާ މިންވަރު އިތުރުކޮށްގެން ދައުލަތުގެ ބަޖެޓަށް 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުން ބަޖެޓް ހުށަހަޅުއްވަމުން ޖިހާދު ވިދާޅުވީ ދައުލަތުން ނަގާ ޓެކްސް އާއި ފީގެ ފަސް ބާވަތެއް އިތުރުކުރުމުން ކުރިން ލަފާކުރި ވަރަށް ވުރެ 1.8 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވެގެންދާނެ ކަމަށެވެ.
އެގޮތުން އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ އިމްޕޯޓް ޑިއުޓީއާއި ޓޫރިޒަމް ގޫޑްސް އެންޑް ސާވިސް ޓެކްސްއާއި އެއަރޕޯޓުންދޭ ހިދުމަތްތަކުގެ ފީ އެވެ. އޭގެ އިތުރަށް މުވާސަލާތީ ހިދުމަތްތަކުން އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މުވާސަލާތީ ހިދުމަތްތަކުން ނަގާ ޖީއެސްޓީއަށް ޖުމްލަ 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރުގެ ޖުލައިމަހު އިމްޕޯޓް ޑިއުޓީ ރިވައިޒްކޮށް ބޮޑުކުރާނެ ކަމަށް ފާހަގަ ކުރައްވާފައިވީ ނަމަވެސް ބޮޑު ކުރައްވާނެ މިންވަރެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އިމްޕޯޓް ޑިއުޓި އިތުރުކުރާ މިންވަރުން ދައުލަތުގެ އާމްދަނީއަށް އިތުރު 250 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ޖިހާދު ވިދާޅުވިއެވެ.
އަންނަ އަހަރު ޓޫރިޒަމް ގޫޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ)އިން ނަގާ މިންވަރު ވަނީ 8 އިންސައްތައިން 15 އިންސައްތައަށް ބޮޑު ކުރުމަށް ނިންމާފައެވެ. 7 އިންސައްތަ ޓީޖީއެސްޓީއިން ބޮޑު ކުރުމުން ދައުލަތަށް 631 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރީ ސަރުކާރުން އަންނަ އަހަރު ނުނަގާގޮތައް ނިންމާފައިވާ ޓޫރިޒަމް ޓެކްސްގެ އަށް ޑޮލަރު ނަގާގޮތައް ސަރުކާރުން ވަނީ ނިންމާފައެވެ.
ބޭރުމީހުންގެ އަތުން ނަގާ އެއަރޕޯޓް ސާވިސް ޗާޖުގެ ތެރެއިން ޑިޕާޗާ ޓެކްސް 18.5 ޑޮލަރުން 30 ޑޮލަރަށް ބަދަލުކުރުމުން ލިބޭނެ ކަމަށް ލަފާކުރާ 85.3 މިލިއަން ރުފިޔާއާއި އިތުރު 14 ރިސޯޓް ކުއްޔަށް ދޫކުރުމުން ރިސޯޓް ކުލީގެ ގޮތުގައި 647.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ