މުސާރައިގެ ބިލް އަނބުރާ ފޮނުވާލީ މުސާރަ ކަނޑައެޅުމަކީ މަޖިލީހުގެ ކަމަކަށް ނުވާތީ: ސަރުކާރު

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައިި އަނބުރާ ފޮނުއްވާލެއްވީ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާތީ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި 27 މާއްދާގެ މައްޗަށް އެކުލެވޭ އެ ބިލުގައި، ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ހެދުމަށް ނެޝަނަލް ޕޭ ކޮމިޝަން އުފެއްދުމަށް ކަނޑައަޅާފައިވެ އެވެ. އެހެން ނަމަވެސް، އެ ކޮމިޝަންގެ ނިންމުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހެ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް ދެ ފަހަރެއްގެ މަތިން އަނބުރާ ފޮނުއްވާލެއްވި އެ ބިލް، އަލުން ފާސްކުރީ މިދިޔަ އޭޕްރިލް 27ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެހެން ނަމަވެސް، ރައީސް ޔާމީން ވަނީ އިއްޔެ އަނބުރާ އެ ބިލް މަޖިލީހަށް ފޮނުއްވާލައްވައިފަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވި ގޮތުގައި މުސާރައިގެ ބިލް އަނބުރާ ފޮނުއްވައި ލެއްވީ ތިން ސަބަބަކާ ގުޅިގެންނެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމަކީ އެ ކުންފުނިތަކުގެ އަމިއްލަ މަސްއޫލިއްޔަތަކަށް ވާތީ އާއި ޕޭ ކޮމިޝަންގެ ނިންމުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭތީ އާއި ބިލްގައިވާ ގޮތުން އެ ކޮމިޝަނަކީ ތަންފީޒީ އިދާރާ އަކަށް ނުވާތީ އެވެ. "... މިހެން އޮތުމުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށް [ރައީސަށް] ފެނިވަޑައިގަންނަވާ. ... އަދި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ގެންނަން ޖެހޭ ކޮންމެެ ބަދަލެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަކީ ވެރިކަން ހިންގާ ފަރާތް، ޖަމްއު ގޮތެއްގައި ވެރިކަން ހިންގާ ފަރާތުގެ މަސްއޫލިއްޔަތު ވެސް ރައްޔިތުންގެ މަޖިލީހުން އަދާކުރުން ކަމަށް ބެލެވޭނެ ކަމަށް...،" މުއާޒް ވިދާޅުވި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ލެޖިސްލޭޓިވް އެޖެންޑާ އަށް ބަދަލު ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ތަރުޖަމާނު ވިދާޅުވި.-- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް ނަމަވެސް ތަރުޖަމާނު ވިދާޅުވި ގޮތުގައި މުސާރައިގެ ސިޔާސަތުގެ ބިލް ވީހާ ވެސް އަވަހަށް ތަސްދީގު ކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅުވެ އެވެ. އެހެންކަމުން، ރައީސް ހުށަހެޅުއްވި ކަންތައްތަކަށް ބެލުމަށް ފަހު އެ ބިލް އިސްލާހުކޮށް، މަޖިލީހުން ފާސްކުުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، މި މަހުގެ 28 ގައި ހުވާކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އެންމެ ފުރަތަމަ ހުށަހަޅާނީ އިގްތިސާދީ ކަންތައްތަކާ ގުޅުން ހުރި ބިލްތައް ކަމަށް މުއާޒް ވިދާޅުވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ބިލްތަކަކީ ހާއްސަ އިކޮނޮމިކް ޒޯންތައް ހެދުމާ ބެހޭ ބިލާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް ބޭނުންވާ ބިލްތަކުގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާ ބެހޭ ބިލެވެ. އެއީ ސަރުކާރުން އެކުލަވާލާފައިވާ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ބިލްތަކެވެ. އެ އެޖެންޑާގައިވާ ގޮތުން ސަރުކާރުން މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ހާއްސަ އިކޮނޮމިކް ޒޯންގެ ބިލާއި ފޮރިން އިންވެސްޓްމަންޓް ގާނޫނަށް ބަދަލު ގެނައުމުގެ ބިލާއި ބޭންކްރަޕްސީގެ ބިލާއި ބޭންކިންގެ ގާނޫނަށް ބަދަލުތައް ގެނައުމާއި ބޭންކު ނޫން އެހެން މާލީ އިދާރާތަކުގެ ބިލާއި އަދިވެސް އެ ނޫން ގިނަ ބިލްތަކެވެ. މުއާޒް ވިދާޅުވި ގޮތުގައި އިގްތިސާދީ ބިލްތަކަށް އިސްކަން ދިނުމަށް ސަރުކާރުން މިހާރު ދަނީ ލެޖިސްލޭޓިވް އެޖެންޑާ އަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގެ ތަފްސީލް އަންނަ ހަފުތާގައި އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ