އިމިގްރޭޝަނުން ގެންދިޔަ ލެޕްޓޮޕްތައް ފުލުހުން އޭސީސީއާއި ހަވާލުކޮށްފި

ބޯޑަރ ކޮންޓްރޯލް ސިސްޓަމުގެ މަސައްކަތް ކުރުމަށް ކަމަށް ބުނެ ނެކްސްބިޒްއިން ރާއްޖެއަށް ގެނެސްފައިވާ ލެޕްޓޮޕްތައް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުން އެންޓިކޮރަޕްޝަން ކޮމިޝަނާއި ހަވާލުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލެޕްޓޮޕްތައް އޭސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ލެޕްޓޮޕްތައް އޭސީސީއާއި ހަވާލުކޮށްފައިވާ ކަން އެކޮމިޝަނުން ޔަގީންކޮށްދެއެވެ. ނަމަވެސް އެމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.
ލެޕްޓޮޕްތައް އޭސީސީއާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެލެޕްޓޮޕްތަކަކީ އިމިގްރޭޝަންގެ އިސްވެރިންނަށް ނެކްސްބިޒްއިން ގެނައި ހަދިޔާތަކެއް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލަތަކަކާއި ގުޅިގެންނެވެ.
ލެޕްޓޮޕްތަކުގެ މައްސަލަ ތަހުގީގު ކުރަން ދިޔަ އެސީސީގެ ޓީމުތަކަށް އެއްބާރުލުން ނުދިނުމުން އޭސީސީން އެމަސައްކަތް ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ލެޕްޓޮޕްތަކަކީ ބޯޑަރ ކޮންޓްރޯލް ސިސްޓަމުގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ އެއްޗެހިތަކެއް ކަމަށް އިމިގްރޭޝަނުންނާއި ނެކްސްބިޒްއިން ވެސްވަނީ ބުނެފައެވެ. ނަމަވެސް ލެޕްޓޮޕްތައް ގެއަށް ގެންގޮސް ރައްޓެހިންނާއި ހަވާލުކޮށް، އެތަކެތި އަމިއްލަ ބޭނުންތަކަށް ބެނުން ކޮށްފައިވާކަން އިމިގްރޭޝަން މުވައްޒަފުންގެ ބަހުންވަނީ އެނގިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ