ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.
ހައި ކޯޓާއި ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރު ކަމަށް އިއުލާން ކޮށްފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމް އާއި ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާނު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ޖޭއެސްސީން އިއްޔެ ބުނީ އެ ދެ ކޯޓްގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވެފައިވާތީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ގަވާއިދު ހަމަޖެހިފައިވާ ގޮތުން މި ދެ މަގާމަށް ކުރިމަތިލެވޭނީ އެ ދެ ކޯޓްގައި މަސައްކަތް ކުރަމުން އަންނަ ފަނޑިޔާރުންނަށެވެ.
ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަށް 49،300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ހައި ކޯޓްގެ އިސް ފަނޑިޔާރަށްވެސް 49،300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މި ދެ މަގާމަށްވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތީން މެޑިކަލް އެލަވަންސް އާއި ފޯނު އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.
ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރާނެ ގަވާއިދުގައި ބުނެފައިވާ ގޮތުން އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރަކު އައްޔަނު ކުރަންވާނީ އެ ފަރާތެއްގެ ތައުލީމާއި ތަޖުރިބާ އާއި އަހުލާގާއި ގާބިލު ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު ޖޭއެސްސީގައި ހިމެނޭ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
ރާއްޖޭގެ ހައި ކޯޓަށް ނުވަތަ ސުޕީރީއާ ކޯޓުތަކަށް ނުވަތަ ޖުޑީޝަލް ދާއިރާ އަކަށް އިސް ފަނޑިޔާރަކު އައްޔަނު ކުރުމަށް ކޮމިޝަނުން ކަނޑައަޅައިފި ހިނދެއްގައި އެ މަގާމު އަދާކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވައިލަންވަން ޖެހެއެވެ. މި ގަވާއިދުގެ ދަށުން ހައި ކޯޓަށް ނުވަތަ ސުޕީރިއާ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް އެކަނި ކަމަށްވެސް ގަވާއިދުގައި ވެއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމުން އެ ކޯޓު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އާދަމް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ