ޕީޖީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އަދީބުުގެ ޝަރީއަތް ކެންސަލްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި މަނީ ލޯންޑްރިން ހިމެނޭ ގޮތުން ހަތް ދައުވާއެއް އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ.
އެ މައްސަލަތަކުގެ ޝަރީއަތް މިއަދު މެންދުރު ބާއްވަން ހަމަޖެއްސިޔަސް، އެ އަޑުއެހުން ކެންސަލްކުރީ ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ އޮފީސް ޑިސްއިންފެކްޓް ކުރަން ޖެހުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެހެންވެ، އެ މައްސަލާގެ ޝަރީއަތް މިހާރު ތާވަލް ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރިން އަށް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެކަމަކު ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. ފަހުން ދައުވާ އުފުލި މައްސަލަތަކާ ގުޅިގެން އަދީބު މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ