އެދުނު ހުރިހާ ބާރެއް ރައްޔިތުން އަރުވާފަ: ދިޔާނާ ސައީދު

ހުރިހާ ބާރެއް ރައްޔިތުން އަރުވާފައިވާ ކަމަށާއި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ލިބުން ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.ދިޔާނާ މިހެން ވިދާޅުވީ އަހްމަދު ރިލްވާން ގެންދުނުތާ ހައަހަރު ފުރުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.އީވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިލްވާން ދިރިހުއްޓާ ހޯދަން ކުރި މަސައްކަތް ފެއިލްވެ، އަދި މިހާރު އޭނާ އަށް އިންސާފު ހޯދަން ކުރަމުން އަންނަ މަސައްކަތް ފެއިލްވި ނަމަވެސް ގޮތް ދޫނުކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.އީވާގެ އެ ވާހަކަތަކާ ގުޅިގެން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވާހަކަތަކުން ނުފުދޭނެ ކަމަށާއި އެދިވަޑައިގަތް ހުރިހާ ބަރެއް ރައްޔިތުން އަރުވާފައިވާ ކަމަށެވެ. އަދި އިންސާފު ހޯދައިދިނުމުގައި ލަސްވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި "ފައިންޑް މޮޔަ މީހާ" އަކީ ހަމައެކަނި ހޭޝްޓެގެއް ނޫން ކަމަށެވެ."އެއީ ދައުލަތުގެ މައްޗަށް އޮތް އިލްތިޒާމެއް. އިންސާފު ކަށަވަރުކޮށްދެއްވާ" ދިޔާނާ ވިދާޅުވިއެވެ.ރިލްވާން ގެއްލުވާލީ މީގެ ހަ އަހަރު ކުރިން އަށެއް އޮގަސްޓު 2014 ގައެވެ. އޭރު އޭނާގެ އުމުރުން އެންމެ 28 އަހަރެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށްފައެވެ.ރިލްވާންގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ އޭނާ ހުޅުމާލެއަށް މާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރީ ކަމަށެވެ. އަދި ޑިންގީއަކަށް އަރުވައިގެން އޭނާ އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ