ކޮވިޑް-19 އަށް ދޭ ރެމްޑެސެވިއާގެ ހުރިހާ ޑޯޒެއް އެމެރިކާ އިން ގަނެފި

ވޮޝިންޓަން (ޖުލައި 2) - ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރާ ބޭހެއް ކަމަށްވާ ރެމްޑެސެވިއާގެ ހުރިހާ ޑޯޒެއް އެމެރިކާ އިން ގަނެފި އެވެ.
ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ކާމިޔާބު ކަމަށް ބައެއް ގައުމުތަކުން ބުނާ ރެމްޑެސެވިއާގެ ހުރިހާ ސަޕްލައިއެއް އެމެރިކާ އިން ގަތް ނަމަވެސް އިނގިރޭސި ވިލާތައި ޖަރުމަނުން ބުނެފައި ވަނީ އެ ގައުމުތަކަށްވާ ވަރަށް ބޭސް އެބަހުރި ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ ކެލިފޯނިއާގެ ގިލިއާޑް ސައެންސް ލެބޯޓްރީން ސެޕްޓެމްބަރާ ހަމައަށް އުފައްދާ ބޭހުގެ ސްޓޮކުގެ 92 ޕަސެންޓް ގަނެފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް ބައި މިލިއަން ޑޯޒް އެވެ.
ރެމްޑެސެވިއާގެ ފަރުވާ އަށް އެވްރެޖްކޮށް ބޭހުގެ 6.25 ފުޅި ބޭނުންވެ އެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް ގިލިއާޑް އިން ކަނޑައަޅާފައި ވަނީ ފުޅިއެއް 390 ޑޮލަރަށެވެ. އާއްމުކޮށް ފަސް ދުވަހުން ދޭ ފަރުވާ ފުރިހަމަކުރަން ދޭން ޖެހޭ ހަ ފުޅިއަށް 2،340 ޑޮލަރު ހޭދަވާނެ އެވެ.
ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ރެމްޑެސެވިއާ ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އިން ދީފައި ވަނީ މެއި 1 ގަ އެވެ. ކްލިނިކަލް ތަހުލީލުތަކުން އެނގޭ ގޮތުގައި ރެމްޑެސެވިއާ ބޭނުން ކުރުމުން ބަލިން ރަނގަޅުވާ މުއްދަތު 15 ދުވަހުން 11 ދުވަހަށް އަވަސްވެ އެވެ.
އެމެރިކާ އިން ރެމްޑެސެވިއާގެ ހުރިހާ ޑޯޒެއް ގަތުމުން ދުނިޔޭގައި، އެ ބޭސް ލިބުން ދަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެކަމަކު ޔޫރަޕުގެ ދެ ގައުމު ކަމަށްވާ އިނގިރޭސި ވިލާތާއި ޖަރުމަނުގައި އެކަށީގެންވާ މިންވަރަށް ބޭސް އެބަހުއްޓެވެ. ރެމްޑެސެވިއާ ބޭނުން ކުރުމަށް ޔޫރަޕުން ހުއްދަ ދީފައެއް ނުވެ އެވެ.
ގިލިއާޑް ލެބޯޓްރީން މިހާރު ވަނީ ޖެނެރިކް ޑްރަގު އުފެއްދުމުގެ ރޯޔަލްޓީ-ފްރީ ލައިންސަންސް އިންޑިއާ، ޕާކިސްތާން އަދި މިސްރުގެ ނުވަ ކުންފުންޏަކަށް ދީފަ އެވެ. އެ ކުންފުނިތަކުން ރެމްޑެސެވިއާގެ އެ މީހުންގެ ވާޝަން ތަރައްގީވަމުން އަންނަ 127 ގައުމަކަށް ފޯރުކޮށްދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ