ސިޔާސީ ކެމްޕެއިންތަކުގައި ބައިވެރިވުމުން ގާޟީ ނަޖީބު މަގާމުން ވަކިކުރަން ހުށައަޅަނީ

ކްރިމިނަލް ކޯޓުގެ ގާޟީއެއްގެ ގޮތުގައި ހުންނަވައި އަލްއުސްތާޛު ހަސަން ނަޖީބު ސިޔާސީ ކެމްޕެއިންތަކުގައި ބައިވެރިވެ ވަޑައިގަތުމުން މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ 2017 ވަނަ އަހަރުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ.އަތޮޅު ކައުންސިލަށް ގއ.ވިލިނގިލިން ކުރިމަތިލީ ކެނޑިޑޭޓަކަށް ތާއިދު ހޯދަން މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އަދި އެ ކެނޑިޑޭޓް ނިސްބަތްވާ ޕާޓީއަށް މީހަކު ސޮއިކުރުވުމުގައިވެސް ގާޟީ ހަސަން ނަޖީބު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. 
އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއިދުހޯދުމުގެ ގޮތުން ވާހަކަދައްކަވާ، އެއްވެސް ތަހުގީގީ އިދާރާއަކުން އެދިފައި ނުވަނީސް، ދެމީހަކު ހައްޔަރުކުރުމަށް ގާޟީ ނަޖީބު އަމިއްލަފުޅަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުއްވިކަމަށްވެސް ވަނީ ޖޭއެސްސީން ބުނެފައެވެ. 
ޖޭއެސްސީން ބުނީ ޤާޟީ ޙަސަން ނަޖީބުގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި 10 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9 ، 7.1 އަދި 7.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމަށެވެ.
އެހެންކަމުން ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޟީ ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ