އައުޓްރީޗް ޕްރޮގުރާމްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި – ކޭއާރުއެޗް

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކުރިމަތިވި ދަތިތަކާއިއެކު ޑޮކްޓަރަށް ދެއްކުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ރަށްރަށަށް އެ ހޮސްޕިޓަލްގެ ސްޕެޝަލް ޑޮކްޓަރުން ފޮނުވައިގެން ހިންގުނު އައުޓްރީޗް ޕްރޮގުރާމްތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ފާއިތުވި ޖޫން މަހުގެ 13 އިން، ޖޫން 30 ގެ ނިޔަލަށެވެ. ޖުމްލަ އަށާރަ ދުވަހުގެ ތެރޭގައި ހިންގުނު މި ޕްރޮގުރާމަށް ރަށްރަށުގެ ހެލްތު ސެންޓަރުތަކުގެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާއިރު، މި ޕްރޮގުރާމްގައި މުޅި ޖުމްލަ 429 މީހުން ވަނީ ބަލާފައެވެ.
މިގޮތުން އަންހެނުންގެ ޚާއްޞަ ޑޮކްޓަރު 202 މީހުން ބަލާފައިވާއިރު، އެތެރެހަށީގެ ޑޮކްޓަރު 166 މީހުން އަދި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު 41 ކުދިންބަލާފައި ވެއެވެ. މީގެ އިތުރުން ހަމުގެ ޑޮކްޓަރު 14 މީހުން އަދި ނަފްސާނީ ޑޮކްޓަރު 6 މީހުން ބަލައި ފަރުވާ ދީފައިވެއެވެ.
ހދ. އަތޮޅުގެ 12 ރަށަށް އަންހެނުންގެ ޚާއްޞަ ޑޮކްޓަރު ދަތުރުކޮށް ފަރުވާ ދީފައިވާއިރު، އިތުރު ސްޕެޝަލިސްޓަކު ކޮންމެ ރަށަކަށް ވެސް ދަތުރު ކޮށްފައި ވެއެވެ. އެގޮތުން އިތުރު ސްޕެޝަލިސްޓް ފޮނުވުމުގައި ބަލާފައި ވާނީ އެ ރަށަކުން އެންމެ ބޮޑަށް ރައްޔިތުންގެ ރިކުއެސްޓް ލިބިފައިވާ އޭރިޔާތަކަށް ކަމުގައި އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
ފާއިތުވި ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޖޫން 18 ގެ ނިޔަލަށް ކޭއާރުއެޗުގެ ރޭޑިއޮލޮޖިސްޓް ޑރ. ޔޫސުފް، ދިހަދުވަހުގެ އައުޓްރީޗް ޕްރޮގުރާމެއްގައި ކ،އއ އަދި އދ ގެ ރަށްތަކުގައި ވަނީ ޚިދުމަތް ދީފައެވެ.
މީގެ އިތުރުން ކޮންމެ މަހަކު 3 ދުވަހުގެ އައުޓްރީޗު ޕްރޮގުރާމުގައި ކޭއާރުއެޗުގެ ސްކޭން ޑޮކްޓަރު ހއ.އަތޮޅު ހޮސްޕިޓަލުގައި އަދި ށ.އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ޚިދުމަތް ކުރަމުންނެވެ. މި ވަގުތު ކޭއާރުއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު ނަޒީފު ވެސް ދަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ޚިދުމަތް ދެމުންނެވެ.
ކޭއާރުއެޗުގައި ގިނަ ސްޕެޝަލިސްޓުން ތިބުމާއެކު ވަރަށް ގިނައިން އައުޓްރީޗު ޕްރޮގުރާމްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ކޯވިޑްގެ ހާލަތާ ގުޅިގެން ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާއި، ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ވަރަށް ގިނަ ރަށްރަށަށް އައުޓްރީޗު ޕްރޮގުރާމުގެ ދަތުރުތައް ބޭއްވިފައިވާކަމަށާއި އަދި މި ޕްރޮގުރާމް ތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ  މާބަނޑު މީހުންނަށް އަމާޒު ކޮށްގެން ހިންގުނު ސްކޭން އަދި ގައިނީ އައުޓްރީޗު ޕްރޮގުރާމްތަކަށް ކަމުގައި އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ