މާލެއިން ބޭރުގައި ކުރި ފުރަތަމަ ސިކުނޑީގެ އޮޕަރޭޝަން އައްޑޫގައި ކޮށްފި

މާލެ ސަރަހައްދުން ބޭރުގައި މިހާތަނަށް ކުރި ސިކުނޑީގެ ފުރަތަމަ އޮޕަރޭޝަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިދިޔަ ހުކުރު ދުވަހު ކޮށްފި އެވެ.
އެޑީކޭ ހޮސްޕިޓަލުން ކުރި މި އޮޕަރޭޝަނަކީ ފުރާނައަށް ނުރައްކާވާ ވަރުގެ ރިސްކު ބޮޑު އޮޕަރޭޝަނެކެވެ.
ސ. މަރަދޫގައި ސްލިޕްވޭ ހިންގާ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަބީބުގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރީ ލޭތު މެޝިނަކަށް ލައްވާފައި ހުރި ދަގަނޑުގަނޑެއް ނައްޓައިގެން ގޮސް ހަބީބުގެ ބޮލުގައި ޖެހި ސިކުނޑި އަށް ލޭ އެޅުމުންނެވެ.
އެ އޮޕަރޭޝަނަށް ފަހު ހަބީބުގެ ހާލަތު މޮނީޓަ ކުރުމަށްޓަކައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ފްލައިޓުން ވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓު ކޮށްފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު މިހާރު ކުޑަކޮށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ސިކުނޑިއަށް ލިބޭ މިފަދަ ގެއްލުންތަކުގައި އެންމެ ލަސްވެގެން ހަވަރަކަށް ގަޑިއިރުގެ ތެރޭގައި އޮޕަރޭޝަން ކުރަން ޖެހެއެވެ. ނޫންނަމަ ފުރާނައަށް ނުރައްކާވެ އެވެ.
ސިކުނޑި އަށް ބޮޑު ޒަހަމްތަކެއް ލިބިފައިވުމުން، ހަބީބުގެ ފުރާނަ ސަލާމަތްކުރުމަށް އޭޑީކޭ ހޮސްޕިޓަލްގެ އެހީތެރިކަމަށް ހުކުރު ދުވަހުގެ އިރުއޮއްސި 6:40 ހާއިރު އިކުއިޓޯރިއަލް ހޮސްޕިޓަލުން އެދުނެވެ. އެއާއެކު ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި ދިވެހި ނިއުރޯސާޖަން، ޑރ. އަލީ ނިޔާފާއި ކްރިޓިކަލް ކެއާ މެޑިކަލް އޮފިސަރު ޑރ. އަދީލް ޝަރީފް އަދި ނިއުރޯސާޖަރީ ސްކްރަބް ނާސް، ޝަމޫނާ އަލީ އައްޑު އަށް ގޮސް، އޭއީއެޗްގައި އޮޕަރޭޝަން ކުރަން ފެށީ ހުކުރު ދުވަހުގެ ރޭ 11:45 ހާއިރު އެވެ.
އޭޑީކޭއިން އައްޑޫއަށް ގޮސް މި އޮޕަރޭޝަން ކުރަން ނިންމީ އާންމުކޮށް މިފަދަ ގެއްލުންތައް ލިބިގެން މާލެ ގެންނައިރު މާ ބޮޑަށް ލަސްވެ ފުރާނަ ސަލާމަތް ނުކުރެވޭ ހާލަތަށް ދާތީ އެވެ.
މިއޮޕަރޭޝަނަށްފަހު އޭޑީކޭ ހޮސްޕިޓަލުން ވަނީ އާސަންދަ ކުންފުންޏާއި އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިފަދަ ހާލަތެއް މެދުވެރި ވުމުން މާލެއިން ބޭރު ހޮސްޕިޓަލެއްގައި ބާއްވައިގެންވެސް ފަރުވާ ކުރެވިދާނެކަން އެނގިގެން ދިޔަކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ