އަދިވެސް ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމައެއް ނުވޭ!

މިއަދު ދިރާސީ އާއަހަރު ފެށެން ވާއިރަށް ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވި ނަމަވެސް އަދިވެސް ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމަނުވެގެން ޓީޗަރުން ހޯދަން ގެޒެޓްގައި އިއުލާންތައް ކުރަމުން އެބަގެންދެއެވެ.
މިދިޔަ ހަފްތާގައި ވެސް އަދި މިއަދު ވެސް ބައެއް ސްކޫލްތަކުން ގެންދަނީ ޓީޗަރުން ހޯދަން ގެެޒެޓްގައި އިއުލާންތައް ކުރަމުންނެވެ.
މިއަދު ކޮށްފައިވާ ބައެއް އިއުލާންތަކަށް ބަލާއިރު މަދަރުސަތުލް އިފްތިތާހުން ވަނީ 15 ޓީޗަރުން ހޯދަން އިއުލާން ކޮށްފައެވެ. އިއްޔެ އަމީނިއްޔާ ސްކޫލުން ވެސް ވަނީ އަށް ޓީޗަރަކު ހޯދަން އިއުލާން ކޮށްފައެވެ. ހިރިޔާ ސްކޫލުން ވަނީ ތިން ޓީޗާރަކު ހޯދަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކޮށްފައެވެ.
ޖަލާލުއްދީން ސްކޫލާއި މާޅޮހު ސްކޫލުން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޓީޗަރުން ހޯދަން އިއުލާނެއް ކޮށްފައެވެ.
މީގެ އިތުރުން ވެސް ވިއްސަކަށް ސްކޫލުން ވަނީ މިދިޔަ ހަފްތާގައި ޓީޗަރުން ހޯދަން އިއުލާން ކޮށްފައެވެ.
ޓީޗަރުން ހޯދަން އިއުލާން ކުރުމުގެ އިތުރުން މީގެ ދެތިން ދުވަސް ކުރިން ވެސް ބައެއް ސްކޫލްތަކުން ވަނީ ސްކޫލްތަކުގައި ކުރަން ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތްތައް ހޯދަން ވެސް އިއުލާން ކޮށްފައެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި އެލްކެޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ 73035 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާނެއެވެ. މިއަހަރު ސްކޫލްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ ޢަދަދަކީ 9800 އެވެ. މީގެތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ކިޔަވާދޭނެއެވެ.
މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު 185 ސްކޫލެއްގައި އޯލެވްލް ފެންވަރަށް ކިޔަވާދޭނެއެވެ. އަދި އޭލެވްލަށް 50 ސްކޫލެއްގައި ކިޔަވާދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ