މެންބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފި އެވެ.
އޭނާ އެ ޕާޓީއަށް ސޮއި ކުރެއްވީ މިރޭ ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އޭނާގެ ފޯމްއާ ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
މަހެއްހާ ދުވަހު މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ޝާހު ކުރިން ހުންނެވީ ޕީޕީއެމް މެންބަރެއްގެ ގޮތުގަ އެވެ. އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވުމަށްފަހު އެވެ. ޕީޕީއެމްއިން ވަނީ އެ ގަރާރުގައި ކުރެއްވި ސޮއި ޝަހުދީ ނުނެގުމުން ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ޕާޓީއިން ވަކިކޮށްފަ އެވެ.
އޭރު ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގެ ހުކުމް ނުވަތަ މެންބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ އުސޫލު ވުޖޫދުކޮށްފައިވާތީ އިލެކްޝަން ކޮމިޝަނުން ވަނީ ޝަހުދީގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ގޮނޑި ގެއްލުވާލުމުން ޝާހު ހުށަހެޅި ދުސްތޫރީ މައްސަލާގައި އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.
އެންޑި ޑިފެކްޝަން ގާނޫނު އުވާލުމާއި ގުޅިގެން ގިނަ އަދަދެއްގެ މެންބަރުންތަކެއް ދަނީ ޖުމްހޫރީ ޕާޓީއާ ގުޅެމުންނެވެ. އެގޮތުން ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީއާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ހުސެއިން މުހައްމަދު ލަތީފުވެސް ޖޭޕީއަށް ސޮއި ކުރައްވާފައި ވެއެވެ.
މީގެ އިތުރުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުވެސް ވަނީ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ