ޖަލުގައި ނަގާފައިވާ ސެލްފީއަކާއި އެކު ނާޒިމް ޖަލުގެ ހަނދާންތައް އާކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖަލުގައި ނަގާފައިވާ ސެލްފީއަކާއި އެކު ޖަލުގެ ހަނދާންތައް އާކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުން ނާޒިމް މިނިވަން ކުރެއްވުމުން ރޭ ކުރެއްވި ޓްވީޓެއްގައި ނާޒިމް ހިމަނުއްވާފައިވާ ފޮޓޯ އިން ފެންނަނީ އޭރު ނާޒިމާއި އެކު ޖަލުގައި ތިއްބެވި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ތޮލްހަތު އިބްރާހިމް ކަލޭފާނާއި މިހާރުގެ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އެވެ.
ނާޒިމްގެ ޓްވީޓްގައި އޭނާ ވިދާޅުވީ މިއަދަކީ އޭނާ އަށް މިނިވަންކަން ލިބުނު ފުރަތަމަ ދުވަސް ކަމަށާއި އެހެންކަމުން މިއަދު އާއިލާއަށާއި ރަހުމަތްތެރިންނަށް އަދި ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
"މިފޮޓޯގައި މިތިބީ ޖަލުގައި އަޅުގަނޑުގެ އެކުވެރިން. ހުރިހާކަމެއް އަޅުގަނޑުމެން ތަހައްމަލް ކުރީ އެކުގައި. އަޅުގަނޑުމެން ޖަލުގައި ތިބީ އެކަކު އަނެކަކަށްޓަކައި. ﷲ އަޅުގަނޑުމެންގެ ދުޢާ އިޖާބަ ކުރައްވައިފި." ނާޒިމް ވިދާޅުވިއެވެ.
އިތުރު ޓްވީޓެއްގައި ނާޒިމް ވިދާޅުވީ ފޮޓޯ އިން މިފެންނަނީ އަޅުގަނޑުމެންގެ ޝައިހާއި ޓްރޭނިން ވެފައި ތިބި އަސްކަރީ ދެއޮފިސަރުންނާއި އިންޖިނިއަރެއް ކަމަށްވާ އޭނާ ކަމަށެވެ. ބަންދުކޮށް އިންސާނީ ޙައްޤުތަކުން މަހްރޫމް ކުރުމުން ވެސް އެބޭފުޅުންގެ ރޫހު މަރާނުލެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކުރީގެ މެންބަރު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ތޮލްހަތު އިބްރާހިމް ކަލޭފާން އަދި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފުރަތަމަ ހައްޔަރު ކުރުމަށް ފަހު ބަންދުގައި ބޭތިއްބެވީ އެއްތަނެއްގައެވެ. ނަމަވެސް ފަހުން ނަޝީދު އެހެން އެޕާޓްމަންޓަކަށް ބަދަލު ކުރިއެވެ.
ނާޒިމް އާންމު ކުރެއްވި ފޮޓޯ އިން ފެންނަނީ ބެލެވޭ ގޮތުގައި އައްސޭރި ޖަލުގައި އެބޭފުޅުން ބަންދުކޮށްގައި ތިއްބެވި ތަނެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ އެތަން ޖަލު ގޮޅިއަކަށްވުރެ ވައްތަރީ ރަނގަޅު ފެންވަރެއްގެ ކޮޓަރިއަަކާއި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ އަހްމަދު ނާޒިމާއި މުހައްމަދު ނާޒިމް މިނިވަން ކުރެއްވިއިރު ކުރިން ވަނީ ތޮލްހަތާއި އިމްރާން މިނިވަން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ