ބްރިޖުގައި ރަތްބޮކި ހުރަސްކުރާ މީހުން ދެނެގަތުމަށް ވެސް ހާއްސަ ކެމެރާއެއް ހަރުކުރަނީ!

މާލެ ހުޅުލޭ ގުޅާލައި ހަދާފައިވާ ސިނަމާލެ ބުރިޖާއި ބުރިޖާއި އިންވެގެން ހުރި މަގުތަކުގައި ހަރުކުރާނީ ތިން ވައްތަރެއްގެ ކެމެރާ ކަމަށާއި އެ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަސް މުސްތަގްބަލެއްގައި ފެށޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ބުރިޖުގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާ ހަރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އެ މަސައްކަތް ކުރަން ނިންމާފައިވަނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ނަމަވެސް އެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.
ވީނިއުސް އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި މައުލޫމާތު ދެއްވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ބްރިޖާއި ހައިވޭގައި ތިން ވައްތަރެއްގެ ކެމެރާ ހަރުކުރާނެ ކަމަށާއި އަދި އެކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭތައް ކޮށްނިމި ބްރިޖާއި ހައިވޭގައި ހަރުކުރަން ނިންމާފައިވާ ކެމެރާތަކުގެ ކޮލެޓީ ވެސް ބެލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބުރިޖުގައި ހަރުކުރަން ނިންމާފައިވަނީ ސީސީޓީވީ ކެމެރާ އަދި ބާރަށް ދުއްވާ ފަރާތްތައް ދެނެގަތުމަށް ހަރުކުރާ ސްޕީޑްކެމެރާ ހަރުކުރާނެއެވެ. އޭގެ އިތުރުން ބުރިޖުގައި ހަރުކޮށްފައި ހުންނަ ޓްރެފިކް ލައިޓްގެ ރަތްބޮކި ދިއްލިފައި ހުއްޓާ ހުރަސްކުރާ ފަރާތްތައް ދެނެގަތުމަށް ބޭނުންކުރާ ރެޑްލައިޓް ކެމެރާ ވެސް ބޭނުން ކުރަން ވަނީ ނިންމައިފައެވެ.
ސަމީރު ވިދާޅުވީ، ބުރިޖުގައި ކެމެރާ ހަރުކުރުމަށްޓަކާ ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެހުމުން އެކަމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ. އަދި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެ ވައުދާ ގުޅުންހުރި އިދާރީ މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބުރިޖާއި ރަންވޭގައި ހަރުކުރާ ކެމެރާތަކުގެ ސަބަބުން އެމަގުތަކުގައި ގަވާއިދާ ހިލާފަށް ދުއްވާ ފަރާތްތައް ދެނެގަނެވި ފިޔަވަޅު އަޅާން ފަސޭހަ ވެގެންދާނެ ކަމަށެވެ.
ސިނަމާލެ ބުރިޖާއި ބުރިޖާއި ގުޅުންހުރި މަގުތަކުގައި ތަފާތު ތިން ވައްތަރެއްގެ ކެމެރާ ހަރުކުރަން ނިންމާފައިވާއިރު، ބުރިޖާއި ހައިވޭމަތީގައި ދުއްވާ ފަރާތްތަކުގެ ތެރެއިން ގަވައިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް، ޖޫރިމަނާކުރިކަން އެސްއެމްއެސްއަކުން ވަގުތުން އެނގޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަދި ބުރިޖާއި ހައިވޭގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ކޮމާންޑް ސެންޓަރެއް ގާއިމުކޮށް، ގަވައިދާ ޚިލާފަށް ދުއްވުމާއި، ލޭން ބަދަލުކުރާނަމަ އެފަރާތަކަށް ކޮމާންޑު ސެންޓަރުން ވަގުތުން އަންގާނެ ކަމަށް ވެސް ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ