ސަރުކާރުން އުޅެނީ ޔާމީން ދެކެ ބިރުން: އަދުރޭ

މި ސަރުކާރުން އުޅުއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެ ބިރުން ކަމަށް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޔާމީން މިއަދު ފުލުސް އޮފީހަށް އަނެއްކާވެސް ހާޒިރުކުރައްވާފައިވާއިރު، "ސަންގު ޓީވީ" އަށް ދިން އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ ސަރުކާރުން އުޅުއްވަނީ ޔާމީން ދެކެ ބިރުން ކަމަށާއި، އަދި މިއީ ޔާމީން މިނިވަންކަމާ އެކު ހުންނަވައިފިނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ނުލިބިދާނެތީ އެކަމާ ކަންބޮޑުވެގެން ކުރައްވާ ކަންތައްތަކެއް ކަމަށެވެ.
"މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން ހިނގާ ކަންތައްތަކެއް މި ހިންގަނީ. އެމްޑީޕީގެ ގްރާސްރޫޓު ހިތްހަމަޖެއްސުމަށްޓަކާ ކުރާ ކަމެއް މިކަމަކީ. ކިތަންމެ ވަރަކަށް ޔާމީން ފުލުހަށް ގެންދިޔަސް، ޔާމީން މި ރާއްޖެ އަށް ގެނެސްދެއްވި ތަރައްގީ އެ ބޭފުޅުންނަކަށް ނުގެންދެވޭނެ. ރައްޔިތުންގެ ހިތުގައި ޔާމީން އަށް އުފެދިފައިވާ ލޯތްބާއި ގަދަރަކަށް ކުޑަވެސް ބަދަލެއް ނާންނާނެ" އަދުރޭ ވިދާޅުވިއެވެ.
ޔާމީން އަކީ ގާނޫނާއި ހިލާފަށް ކަންތައްތަކެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި އަދި ކަންތައް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އައިޝަތު އާޒިމާ ޝަކޫރަށް ބަންދުވެފައިވާއިރު، އަދުރޭ ވިދާޅުވީ ޔާމީނަށް ކުރެވެން އޮތް ހުރިހާ ދައްޗެއް ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި މި ސަރުކާރު ވެރިކަމަށް އައުމުގެ ބޭނުމަކީ ޔާމީން އާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ޖެއްސުން ކުރުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ޔާމީން އަށް ކުރެވެން ހުރި ހުރިހާ ޖެއްސުމެއް ކުރާނެ. އާޒިމާ އެއް ނޫން، ޔާމީން އަށް އެހީތެރިވާނެހެން ހީވާ އެންމެންނާއި ދޭތެރޭ އެމީހުން ފިޔަވަޅު އަޅަމުން ގެންދާނެ. އެކަމަކު މީގެ އާހިރު ނަތީޖާއަކަށް ވެގެންދާނީ، ޔާމީން އަށް ޖެއްސުން ކުރި ވަރަކަށް ރައްޔިތުން މި ސަރުކާރާއި ދޭތެރޭ ނަފްރަތު ވާ މިންވަރު ދާނީ އިތުރުވަމުން" އަދުރޭ ވިދާޅުވިއެވެ.
ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފައިވާ ސަބަބެއް އަދި އެނގިފައިނުވާއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައިގެ ތަހުގީގަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ