މައްސަރުގެ ދުވަސްވަރު އެކަހެރިކޮށްފައި ވަނިކޮށް އަންހެނަކު މަރުވެއްޖެ

މައްސަރުގެ ދުވަސްވަރު އެކަހެރިކޮށް ބަހައްޓާފައި ހުއްޓާ، އަންހެނަކާއި އޭނާގެ ކުޑަ ދެ ފިރިހެންދަރިން މަރުވެއްޖެއެވެ.
މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ނޭޕާލްގެ ފަރުބަދަމަތީ ސަރަހައްދެއްގައެވެ. މި ހާދިސާގައި މަރުވެފައިވަނީ 35 އަހަރުގެ އަންހެނަކާއި އޭނާގެ ދެދަރީންނެވެ.
މި ފަރާތްތައް މަރުވެފައިވަނީ މައްސަރުގެ ދުވަސްވަރު އެކަހެރިކޮށްފައި ބަހައްޓާ ހަޓެއްގައި ތިއްބައެވެ. ފުލުހުން ބުނާގޮތުގައި އެމީހުން ލައިގެން ތިބި ހެދުންތަކުގައި އަލިފާން ރޯވެފައިވާކަމުގެ އަސަރުތައް ފެންނަން ހުރިއިރު، އެ މީހުން މަރުވީ ދުމުގެ އަސަރުކޮށްގެންކަމަށް ބެލެވޭ ކަމަށެވެ.
މި ފަރާތްތައް ފިނިން ރައްކާތެރިވުމަށް ކޮންމެ ރެޔަކު ހަޓްގައި އަލިފާންގަނޑެއް ހަދާކަމަށްވެއެވެ.
މައްސަރުގެ ދުވަސްވަރު އަންހެނަކު ގޭގައި ހުރެފިނަމަ އެމީހުންގެ ސަބަބުން ގޭތެރެ ނުތާހިރުވާކަމަށް ނޭޕާލްގެ ބައެއް ހިސާބުތަކުގައިދެކެއެވެ. އެހެންކަމުން އެފަދަ އަންހެނުން ވަކިން ތަންތަނުގައި ބަހައްޓައެވެ.
މިކަމަކީ ނޭޕާލްގައި ގާނޫނީ ކުށެއްކަމުގައިވިޔަސް ގިނަ ފަރާތްތައް އަދިވެސް މިކަން ކުރެއެވެ. މި މައްސަލާގައި އަންހެންމީހާގެ އާއިލާއާއި ދެކޮޅަށް ދައުވާކުރުމަށް ނޭޕާލްގެ ފުލުހުން ދަނީ ވިސްނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ