މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތް ހަދަން ޖެހޭ – ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭ ގޮތައް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީ ގައި ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ވޯޓްދީގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުން އެ ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި އެކަމަށްޓަކައި އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނެ ކަމަށެވެ.
"އެތަނަށް މެމްބަރުން އިންތިހާބު ކުރަނީ ތިބޭފުޅުން. ތިބޭފުޅުން ބޭނުންވެލެއްވި ބޭފުޅަކު އެތަނުގައި އިންނަވަނީ. ތިބޭފުޅުން ނިންމަވާންވީ ކޮންބައެއްތޯ ތިބޭފުޅުންގެ ފަރާތުން ތަމްސީލް ކުރާނީ. އެބަޔަކު އެތަނުގައި ތިބޭނީ. ޕާޓީ ބަދަލު ކުރުމުގެ ބިލް މަޖިލީހުގައި ފާސްވާން ޖެހޭނެ. ޕާޓީ ބަދަލުވެގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ 19 ވަނަ މަޖީލިހަށް އިންތިހާބުވާ މެމްބަރުން، އެ މެމްބަރުން އިންތިހާބު ކުރި ރައްޔިތުންނާ ބައްދަލުކުރުން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދާނެ ކަމަށާއި ރައްޔިތުންގެ ހާލު އަހުވާލު ބެލުން އެއީ އެ އާ މަޖިލީހުގެ މެމްބަރުންގެ މަސައްކަތައް ވާނެ ކަމަށެވެ. އާ މަޖިލީހުގެ މެމްބަރުން ނަންގަވާ މުސާރަ އެކަމާ ގުޅިފައިވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ޤާނޫނެއް އޮންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއިރު ޔާމީންގެ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އެފަދަ ޤާނޫނެއް ހުށަހަޅާ ފާސްވެސް ކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެޤާނޫނު މަޖިލީހުން ވަނީ އުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ