އުރަމަތީގެ ކެންސަރަށް އަހުލުވެރިކުރުވުމުގެ ގޮތުން ދުވުމެއް ބާއްވައިފި

"ޕިންކް ރިބަން ރަން" ގެ ނަމުގައި އުރަމަތީގެ ކެންސަރަށް އަހުލުވެރިކުރުވުމުގެ ގޮތުން ދުވުމެއް ބާއްވައިފި އެވެ.
ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 30 ރަށެއްގައި އެއްވަގުތެއްގައި ކުރިޔަށްގެންދިޔަ މިދުވުމުގައި ގާތްގަނޑަކަށް 3000 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ކެންސަރ ސޮސައިޓީއިން ބުނެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކެންސަރ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިއާ ސައީދު ވިދާޅުވީ، ކޮންމެ އަހަރަކުވެސް މި ހަރަކާތް ކުރިޔަށްގެންދަނީ މީހުން ހޭލުންތެރިކުރުވުމުގެ ގޮތުންނާއި، އަދި ފަންޑްރެއިޒް ކުރުމުގެ ގޮތުން ކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިދުވުން ކުރިޔަށްދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން މުޖުތަމައުއަށް ކެންސަރާއި ބެހޭގޮތުން ގިނަ މެސެޖުތަކެއް ލިބިގެންދާނެ ކަމަށެވެ.
މިދުވުމަށް ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މި ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު މި ދުވުމުގައި ބައިވެރިވުމުގެ ސަބަބުން މީހުން މި ބައްޔަށް ހޭލުންތެރިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ސްްކްރީނިން ހެދުމާއި، މެމޯގްރާމް ހެދުމާއި، އަދި ސެލްފް އެގްޒަމިނޭޝަން ކުރުމަށް ބާއްވާ ޕްރޮގްރާމްތަކަށްވެސް މީހުން އިތުރުވެގެންދާކަން ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.
ދުވުން ކުރިޔަށް ދިޔައިރު، އުރަމަތީގެ ކެންސަރާއި ގުޅޭގޮތުންނާއި އަދި އެބަލިން ސަލާމަތްވާނެ ގޮތްތަކައި ގުޅޭގޮތުން ތަޖުރިބާކާރު ޑޮކްޓަރެއްގެ ވިސްނުންތައްވެސް ހިއްސާކުރަމުން ދިޔައެވެ. އަދި އެކަމާއި ގުޅޭ މެސެޖުތައްވެސް ދެމުންދިޔައެވެ.
ބީއެމްއެލްއާއި ކެންސަރ ސޮސައިޓީ ގުޅިގެން ކުރިޔަށްގެންދިޔަ މި ދުވުމުގައި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންވެސް ބައިވެރިވެފައިވެއެވެ.
މާލޭގައި މިދުވުން ކުރިޔަށްގެންދާތާ ހަ އަހަރު ވެއްޖެއެވެ. އަތޮޅުތަކުގައި މިދުވުން ކުރިޔަށްގެންދާތާ މިއީ ދިންވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ