ބީއެމްއެލްގެ އޭޓީއެމުން ފައިސާ ނެގޭ މިންވަރު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން ފައިސާ ނެގޭ މިންވަރު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުގެ މާކެޓިން ޑިރެކްޓަރު ރިފްއަތު މުހައްމަދު މިއަދު ވިދާޅުވީ ކަސްޓަމަރުންގެ އެދުމުގެ މަތިން ރޯދަ މަހަށް ހާއްސަކޮށްގެން އެމެކްސް ގޯލްޑްކާޑުން ދުވާލަކު ފައިސާ ނެގޭ މިންވަރު 15،000ރ. އަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެމެކްސް ގްރީން ކާޑާއި ވިސާ ޑެބިޓްކާޑުން ނެގޭ މިންވަރު 10،000ރ. އަށް ވަނީ އިތުރުކޮށްފަ އެވެ.
"އަޅުގަނޑުމެން މިގޮތަށް ހަމަޖެއްސީ ރޯދަމަހު ކަސްޓަމަރުންނަށް ފަސޭހަކުރުމުގެ ޮގޮތުންނާއި ތަޖުރިބާކުރުމުގެ ގޮތުން. މިކަން ރޯދަމަހަށްފަހު އިތުރަށް ކުރިޔަށް ގެންދާނީ މިތަޖުރިބާއަށް ބެލުމަށްފަހު. އަޅުގަނޑުމެން ކަސްޓަމަރުންގެ ފީޑްބެކް ވެސް ހޯދާނަން،" އެ އޭނާ ވިދާޅުވި އެވެ.
އެންމެ ފުރަތަމަ އޭޓީއެމްގެ ހިދުމަތްދޭ ބޭންކުން މާލޭގެ އެކި ސަރަހައްދުތަކުގައި 19 މެޝިން ބަހައްޓާފައިވެ އެވެ. މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 46 މެޝިން ބަހައްޓާފައިވެ އެވެ. އަދި މީގެ ކުރިން އޭޓީއެމްއިން އެންމެ ގިނަ ވެގެން ދުވާލަކު ނެގެނީ 5،000ރ. އެވެ. އެމެކްސް ގޯލްޑް ކާޑަށް ކުރިން ނެގެނީ ދުވާލަކަށް 10،000ރ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ