ބީއެމްއެލްގެ ހިންގުމުގެ ފައިދާ މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުމުގެ ފައިދާ މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާ ހަވާލާދީ އެ ބޭންކުން ބުނިގޮތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 302 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 70 ޕަސެންޓްގެ ކުރިއެރުމެކެވެ.
އަހަރީ ރިޕޯޓްގައިވާ ގޮތުން ބޭންކަށް ނުދައްކާ ހުރި ލޯނުތަކުގެ ޕްރޮވިޝަނަށް 511.4 މިލިއަން ރުފިޔާ ކެނޑުމުން މިދިޔަ އަހަރު ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބެ އެވެ. ނަމަވެސް 2010 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 50.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ނެރުނު އަހަރީ ރިޕޯޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 830 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 30 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެ ބޭންކުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 7.2 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާ އަކަށް ނުވަ ރުފިޔާ ޖެހުނު ނަމަވެސް މި އަހަރު ޕްރޮވިޝަނަށް ކެނޑުމުން ހިއްސާއަކަށް އެއްވެސް އެއްޗެއް ނުލިބެ އެވެ.
އެ ރިޕޯޓްގައި ބޭންކުގެ ސީއީއޯ ޕީޓާ ހޯޓަން ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ފައިދާ އެއްކޮށް ޕްރޮވިޝަނަށް ކަނޑާފައިވާ ކަމަށެވެ. ނަމަވެސް އަމާޒަކީ މާޒީގެ ތަޖުރިބާއަށް ބަލައި މިއަހަރުން ފެށިގެން އެކަންތައް ހައްލުކުރުމަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރުން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި 2011 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އެންމެ ވަރުގަދަ ބޭންކަކީ ބީއެމްއެލް ކަމަށް ވެސް އަހަރީ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓްގައި ސީއީއޯ ވަނީ ގިނަ އަހަރުތަކެއް ވެފައިވާ ނޮން ޕާފޯމިން ނެޓް އެސެޓްސް (އެންޕީއެންއޭ)ގެ މައްސަލަ ހައްލުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފަ އެވެ.
ހޯޓަން ވިދާޅުވެފައި ވަނީ މިއަހަރުން ފެށިގެން ބޭންކުން ގެންދަނީ ހަތަރު ދާއިރާއަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށާއި މުވައްޒަފުންނަށާއި ރިސްކް އަދި އޮޕަރޭޝަންސް އަށް ކަމަށާއި އޭނާއެކު މަސައްކަތްކުރައްވާ އާ ޓީމާއެކު އެ މީހުން ތަޖުރިބާއާ ހުނަރު ބޭނުންކޮށްގެން ކުންފުނީގެ އަމާޒު ހާސިލްކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ