އާ ހާބަރު ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކުރުމުގައި ކޮރޮޕްޝަނަށް މަގުފަހިވާ ކަމެއް ހިނގައިފައެއް ނެތް: އޭސީސީ

މާލޭގެ އާހާބަރު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކުރުމުގައި ކޮރޮޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގައިފައި ނުވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އާހާބަރު ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ. އަދި މަސައްކަތް އެވޯޑް ކުރުމުގައި ވެސް ކޮރޮޕްޝަނަށް މަގުފަހިވާ ފަދަ އެއް ވެސް އަމަލެއް ހިނގައިފައި ނުވާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
ލުތުފީ އިތުރަށް ވިދާޅުވީ އާހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް އެވޯޑް ކުރުމުގައި ކޮރޮޕްޝަނަށް މަގުފަހިވާ ފަދަ ކަމެއް ހިނގާފައި ނެތް ކަމުގައިވީ ނަމަވެސް ދައުލަތަށް ގެއްލުން ވެދާނެ ފަދަ ބައެއް ކަހަލަ ކަންތައްތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މަސައްކަތް ކުރާ ފަރާތުން މަސައްކަތަށްދާ ހަރަދު އެ ފަރާތަކަށް ލިބުމުން ތަން ދޫކޮށްލާފައި ހިނގައްޖެ ނަމަ ދައުލަތަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތި ވެދާނެ ކަމަށެވެ. އަދި އެގޮތަށް ފާހަގަ ކުރެވިފައިވާ ކަންތައްތައް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ކަންތައްތަކަކީ ހުށަހެޅިފައިވާ މައްސަލައާ ގުޅުން ހުރި ކަންތައް ތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާހާބަރު ސަރަހައްދު ތަރައްގީ ކުރުމާ ބެހޭ ގޮތުން ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މާލޭ އާ ހާބަރު ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ އޭސީސީން އެ މައްސަލަ ބަލަމުން ދާތީ ކަމަށެވެ. އެހެން ނަމަވެސް އާ ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގައި ކޮރޮޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް އެ ކޮމިޝަނުން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
""މާލޭ އާ ހާބަރު ސަރައްދު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ. މިހާތަނަށް އެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ އެ ތަން ތަރައްގީ ކުރުމަށް އަޅުގަނޑުމެން ބަޔަކާ ހަވާލު ކޮށްފައި ވަނީ ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ބަޔަކު އެ މައްސަލަ އޭސީއަށް ހުށަހެޅި. އެހެން ނަމަވެސް އެސީސީ ވަނީ މިހާރު އަޅުގަނޑުމެންނަށް އަންގައިފައި މަސައްކަތް ހަވާލު ކުރުމުގައި ކޮރޮޕްޝަނަށް މަގުފަހިވާ ކަހަލަ އެއްވެސް ކަމެއް ހިގާފައެއް ނެތޭ. އެކަން ގޮސްފައި ވަނީ ދާން ޖެހޭ އުސޫލުގެ ތެރެއިންނޭ. " ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އާހާބަރު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކޮށްފައި ވަނީ 25 އަހަރަށް ކަމަށެވެ. އަދި އެއީ މަހެއްގެ މައްޗަށް ތިން ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ ދައްކާ ގޮތަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަރައްގީ ކުރާ ފަރާތުން އެތަން ތަރައްގީ ކުރުމަށް ހޭދަވި ހަރަދު ހޯދުމަށްޓަކައި 10 އަހަރުގެ މުއްދަތެއް ދެވޭނަ ކަމަށާއި އޭގެ ފަހުން ތަނުގެ ކުލި ފަސް ލައްކަ އަށް ވުރެ ބޮޑު ވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ތަން ތަރައްގީ ކުރާ ފަރާތުން ތަން ތަރައްގީ ކުރުމަށް ފަހު އެހެން މީހުންނަށް އެ ތަނުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގައި މިހާރު ތިބި މީހުންނަށް އިސްކަންދޭން ޖެހޭނެ ކަމަށް އަންގާފައި ވާނެ ކަމަށެވެ. އަދި އެކަން މިހާރު އެތަނުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ވެސް އަންގާފައި ވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މާލޭ އާހާބަރު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެ ކަމުގައި ކޮރޮޕްޝަނަށް މަގުފައިވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ އެ މައްސަލަ އޭސީއަށް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ