ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައްވާފައި ގެސްޓުހައުސްގެ ވިޔަފާރި ފުޅާކުރުމަށް ވާހަކަފުޅު ދައްކަވާތީ ކަންބޮޑުވޭ: އަދީބް

ކުރީގެ ރައީސް ނަޝީދު މީގެ ކުރިން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާފައި މިއަދު ގެސްޓު ހައުސްގެ ވިޔަފާރިފުޅާ ކުރުމަށް ވާހަކަފުޅު ދައްކަވާތީ ކަންބޮޑުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ދުނިޔޭގެ މަޝްހޫރު ނޫހެއް ކަމަށްވާ ފައިނޭޝަލް ޓައިމްސް އަށާއި އިތުރު އެހެނިހެން ގޮތްގޮތުން ރާއްޖެ އަށް ޓޫރިސްޓުން ނައުމަށް ގޮވާލާފައިވާ އިރު މިއަދު ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ގޮތުން ގެސްޓުހައުސްގެ ވިޔަފާރިތައް ކުރިއަރުވާނެ ކަމަށް ވިދާޅުވާތީ ކަންބޮޑުވާ ކަމަށާއި އެއީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
"ޕްރެޒިޑެންޓް ނަޝީދު ގުލޯބަލީ ގޮވާލާފައި އެބައޮތް ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް. ދެން މިއަދު ވިދާޅުވަނީ ރާއްޖޭގެ ޓޫރިޒަމަށް ހާއްސަކޮށްގެން ގެސްޓުހައުސްތަކުގެ ވިޔަފާރި ފުޅާކުރާ ވާހަކަ. އެހެންކަމުން މިއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) އަމިއްލަ ބަޔަކަށް ދޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވާ އިރު މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އެ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމުގެ ސަބަބުން ވެސް ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި އަސަރުތަކެއްކޮށް ބައެއް އެއާލައިންތައް ރާއްޖެ އަށް އައުން ހުއްޓާލި ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓު ގެސްޓް ހައުސްތަކަށް ބަލާ އިރު ގިނަ ގެސްޓުހައުސްތަކެއް ރަޖިސްޓުރީކޮށްދީފައި ވަނީ މިސަރުކާރުން ކަމަށާއި ގެސްޓުހައުސްގެ ވިޔަފާރި ކުރިއަށް ގެންގޮސް ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އެމްޑީޕީގެ ގެސްޓުހައުސް ސިޔާސަތައް މިހާރުގެ ޓޫރިޒަމް މިނިސްޓަރު ފާޑު ވިދާޅުވެފައިވާ އިރު އެމްޑީޕީ އިން މިއަދު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެމްޑީޕީގެ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތު އިފްތިތާހުކޮށްފަ އެވެ. އަދި އެ ސިޔާސަތު ހާމަކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށާއި އަދި އެ އަށް ފަހު ގެސްޓްހައުސްގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހިލޭ އެހީ އާއި ބިން ދޫކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ ޓޫރިޒަމްގެ ވިޔަފާރީގެ ސަބަބުންވާ ލިބޭ ފައިދާ ސީދާ ރައްޔިތުނަށް ކުރާނެ ގޮތް ހެއްދެވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ