އިންކަމް ޓެކްސް: ރައްޔިތުން ނިކަމެތި ކުރުމުގެ ސިޔާސަތެއް ނޫންބާ؟

ފަރުދުންގެ އާމްދަނީގެ ޓެކްސް، މަހަކު 60،000 ރުފިޔާއިން މަތީގެ އާމްދަނީއިން ނަގާ ގޮތަށް، އިންކަމް ޓެކުހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އިންކަމް ޓެކްސްގެ ބިލު ފާސްކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ފަދައިން ފަގީރުންނާއި މުސްލިމުންގެ ފަރަގު ނައްތާލުމަށް ކަމަށް ބުނެއެވެ. އެހެންނަމަވެސް ހަގީގަތަކީ ދައުލަތުގެ އުފެއްދުންތެރިކަމެއް ނެތުމެވެ. އެހެންކަމުން ރައްޔިތުންގެ އަތުން އެކި ނަންނަމުގައި ފައިސާ ނެގުން ނޫން ގޮތެއް ސަރުކާރަކަށް ނެތެވެ. މިއީ ދިވެހި ތާރީހުގައިވެސް ދިވެހި ރައްޔިތުންނަށް ފެނުނު އެންމެ މަތި ބަރު ސަރުކާރެވެ. ސަރުކާރުގެ ވުޒާރާތައް އެހާ ގިނައެވެ. ވަޒީރުންނާއި ޑިރެކްޓަރުންގެ އަދަދު ގުނުމަކީ އުޑުން ތަރި ގުނުން ފަދަ ކަމެކެވެ. ނިމުމެއް ނެތެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހުދު ސަރުކާރަށްވެސް އިނގޭނެ ހެނެއް ހީއެއް ނުވެއެވެ. ބޮޑު ކޯލިޝަނަކާއެކު ވެރިކަން ލިބުމުން، އެކޯލިޝަނުގެ ބައިވެރީންގެ މެދުގައި އެކި މަގާމުތައް ބަހާ ހުސްވުމުން އާ މަގާމުތައްވެސް އުފެއްދީއެވެ. ކައުންސިލަރުންނަކީ ސިޔާސީ ބައެއް ކަަމަށް ބުނެ، ކައުންސިލަރުންގެ އަދަދުވެސް އިތުރު ކުރީއެވެ. ސަރުކާރުގެ ވަޒީރުން އުޅުއްވަނީ ބޭރުގެ އެކި ކަރަކަރައިގައި ހަނީމޫންގައެވެ. އެއްކަލަ ރައްޔިތު މީހާ އަދިވެސް އުޅެނީ އެތައް މަސް ދުވަހަކުން އެއްކުރި ފައިސާއިންވެސް އާއިލާއާއި އެކީގައި ބޭރު ގައުމަކަށް ޗުއްޓީ ހޭދަކޮށްލަންވެސް ނުދެވިގެންނެވެ. ދަރިފުޅު ބޭނުންވާ ކަހަލަ ކޮންމެވެސް ކުޅޭ އެއްޗެއް ހޯދައި ނުދެވިގެންނެވެ. ހައްޖުގެ އަޅުކަންވެސް އަދާކުރެވޭނެ ގޮތެއް ނުވެގެންނެވެ. އެވަރުންވެސް ސަރުކާރުން ރާވަމުން ދަނީ ރައްޔިތު މީހާއަށް އިތުރު ނިކަމެތި ކަމެއް ދެވޭނެ ކޮންމެވެސް މޮޅު އުކުޅެކެވެ. އެއްކަލަ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ބޮޑު މުސާރަ ދޭށެވެ. ދައުލަތުގެ ވަޒީރުން ބޭރުގެ ގައުމުތަކަށް ހިތްއުފާކޮށްލަން ދެވޭނެ ފައިސާ ހޯދުމަށެވެ. އެ ފައިސާ ރައްޔިތުންގެ ޖީބުން ދައްކަން ސަރުކާރުން ބުނާއިރު، އެއީ ރެއާ ދުވާލު އަނބިދަރީންނާއި ދުރުގައި ލޯބޯ ފިއްސައިގެން ހޯދާ ފައިސާއެވެ. ބައެއް މީހުން އެފައިސާ ހޯދަނީ މަހަކު އެއްފަހަރުވެސް އަނބިދަރީން ނުފެނިއެވެ. މަސްވެރީންނަށް ބަލާއިރުވެސް ހާލަތު އޮތީ މިފަދަ ގޮތަކަށެވެ. ކަނޑުމަތީގައި ނުހަނު ބުރަކޮށް އުޅެފައި އާއިލާއަށްޓަކައި ގުރުބާން ވެގެން، ދަރީންނަށް ރަނގަޅު ތައުލީމެއް ދެވޭތޯ ހޯދާ ފައިސާއިން ދައުލަތަށް ހަރަދު ކުރަން ޖެހުމަކީ ވޭނަކަށް ނޫނީ ނުވާނެއެވެ. މަސްވެރީންނަށް 60،000އިން މަތީގެ އާމްދަނީ ލިބޭ މީހުން ކަމަށްވިޔަސް، އެމީހުންނަކީ ބޮޑެތި ލޯނުތައް ނަގައިގެން ދޯނިފަހަރު ގަނެ، ދޯނި ބަންނަ މީހުންނެވެ. މަސްވެރީންނަކީ އެމީހުންނަށް ލިބޭނެ އާމްދަނީ ޔަގީންވާ ބައެއް ނޫނެވެ. މަސްވެރިކަން ރަނގަޅިއްޔާ ރަނގަޅު އެއްޗެއް ލިބުނަސް، މަސްވެރިކަން ދަށް ދުވަސްވަރެއްގައި ހަރަދުތައް ފޫބައްދަން ޖެހެނީ ކުރީން ލިބިފައިހުރި ފައިސާގެ ތެރެއިން ފަހަށް ރައްކާ ކޮށްފައިވާ ބައިންނެވެ. އެހެންކަމުން ހަމައެކަނި އާމްދަނީގެ އަދަދަށް ބަލައި، އިންކަމް ޓެކްސް ނެގުމަކީ އިންސާފެއް ނޫނެވެ. އިންކަމް ޓެކްސް ނަގަން ޖެހޭނީ ވަރަށް ފުދުންތެރި މީހުންގެ އަތުން އެކަންޏެވެ. އިންކަމް ޓެކްސް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން 5.5 ޕަސެންޓު ނެގުމަށެވެ.100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން އަށް ޕަސެންޓު، 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު އަދި 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓްގެ ޓެކްސް ނެގުމަށެވެ. ރާއްޖޭގެ ގިނަ ރަށުގައި ދަރިންނަށް ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާ ނުދެވޭތީ ކޮންމެ ހާލެއްގައި އުޅެންވެސް ބަދަލުވާން މިޖެހެނީ މާލެއަށެވެ. މިއީ ނިކަން ހަރަދު ބޮޑު ކަމެއްކަން އެނގޭނީ މާލޭގައި ކުއްޔާއި، ކަރަންޓު ބިލާއި ފެން ބިލާއި ދެންވެސް ހުރިއްޔާ ހުރި ބިލެއް ދައްކަމުން އުޅޭ މީހުންނަށެވެ. ކުލި ދައްކައިގެން އުޅޭ މީހުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 15،000 ވަރަކަށް ރުފިޔާއެވެ. އެވަރުން ނުފުދޭތީ ރެއާ ދުވާލު ތަފާތު އެކި މަސައްކަތް ކޮށްގެން މުޅި ޖުމްލަ އާމްދަނީ ކިރިޔާ 60،000 ރުފިޔާއިން މައްޗަށް އަރައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓެއް މާލޭގައި ލިބެނީ 30،000 ރުފިޔާ އަށެވެ. ފެނާއި ކަރަންޓުގެ ހަރަދަށް ބަލާއިރު ދެމަފިރިއަކު ހަތަރު ކުދިން ގޮވައިގެން މާލޭގައި އުޅޭއިރު 60،000 ރުފިޔާވެސް އޮންނަނީ މަދުވެފައެވެ. އެވަރުން ގޭގެ ކުއްޔާއި ކަރަންޓާއި ފެނާއި ކެއުމުގެ ހަރަދުތައް ފުއްދާލެވެނީ ކިރިޔާއެވެ. އެ ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކުރުމަށްފަހު އާއިލާއާއެކީގައި ހިތްހަމަ ޖައްސާލަން ޗުއްޓީއެއް ހޭދަކޮށްލެވޭވަރުވެސް އޮންނަނީ ނުވެފައެވެ. ފިތުރު ޒަކާތާ މުދަލު ޒަކާތްވެސް ދައްކަނީ ހަމަ އެފައިސާއިންނެވެ. ޖީއެސްޓީވެސް ދައްކަނީ އެފައިސާއިންނެވެ. ޕާކު ކުރާނެ ތަނެއް ސަރުކާރުން ދައްކައިނުދޭތީ، ގަވައިދާ ހިލާފަށް ޕާކު ކުރެވުމުން އެ ޖޫރިމަނާވެސް ދައްކަނީ އެ ފައިސާއިންނެވެ. ރައްޔިތުން މިހާރުވެސް ދަނީ ދައުލަތަށް ޓެކްސް ދައްކަމުންނެވެ. އެވަރުންވެސް ސަރުކާރަށް ރައްޔިތުންނަށްޓަކައި މަޝްރޫއެއް ނުހިންގިގެން އުޅޭއިރު، އަދިވެސް އޮތީ ރައްޔިތުންގެ އަތުން ފައިސާ ނެގުންތޯއެވެ؟ ފަގީރުންނާއި މުއްސަނދިން ހަމަހަމަ ކުރުމަށް ކަމަށް ބުނެ، ރައްޔިތުންގެ އަތުން އެކި ނަންނަމުގައި ޓެކްސް ނަގަން ނިންމާއިރު ގިނަ ކަންކަމަށް ވިސްނަން ޖެހެއެވެ. ޓެކްސް ނެގުމަކީ ހަމައެކަނި އާމްދަނީ ލިބޭ މިންވަރަށް ބަލައި ނިންމިގެންވާނެ ކަމެއް ނޫނެވެ. އިންކަމް ޓެކްސް ނެގުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ، އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ބަހުސް ކުރެވިގެންދާއިރު ގައުމުގެ ހާލަތަށް ބަލާލަން ޖެހޭ ކަމަށެވެ. ޓެކްސްގެ ނިޒާމު ވަށާޖެހޭނީ އާމްދަނީން ޓެކްސް ނެގުމުން ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްސް ނަގަން ޖެހޭނީ އިގްތިސޯދީ ހާލަތާއި، ގައުމުގައި ފުދުންތެރިކަން އޮތްވަރާއި، ގައުމުގެ ރައްޔިތުން ދިރިއުޅެމުންދާ ހާލަތަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ހަމައެކަނި ރައްޔިތުން އަތުން ޓެކްސްނަގައިގެން ދައުލަތް ހިންގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވަންޏާ އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި، ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީކޮޅުން މުޅި ގައުމު ހިންގަން ވިސްނުން ގެންގުޅޭ ނަމަ، އެއީވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސަރުކާރަކަށް އާމްދަނީ ދައުލަތަށް އިތުރުކުރެވޭނެ އެހެން ގޮތްގޮތް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ޝިޔާމްގެ އިތުރުންވެސް ގިނަ ބޭފުޅުން ވަނީ އިންކަމް ޓެކްސްގެ ބިލާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ. އެއްވެސް ޝައްކެއްވެސް ނެތް ގޮތުގައި ރައްޔިތުން އުޅެނީ އަނގަޔާ އަތާ ދިމާ ނުވެގެންނެވެ. އެހެންނަމަވެސް އިންކަމް ޓެކްސްގެ ބިލު އެއޮތީ ފާސްކޮށްފައެވެ. ކުރެވޭނެ ކަމެއް ނެތެވެ. ދެން ޖެހޭނީ ޓެކްސް ދައްކާށެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ އެ ނަގާ ޓެކުހުން ލިބޭ އާމްދަނީއިން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވެދާނެ ބާއެވެ؟ މި އަހަރު ޓެކްސްއިން ދައުލަތައް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ ވަރަށް ބޮޑުތަނުން ދައްވެފައިވާކަން ފައިނޭންސް މިނިސްޓްރީގެ ރިޕޯޓުން ވަނީ ހާމަވެފައެވެ. މިއަހަރުގައި ޓެކްސްގެ ގޮތުގައި ދައުލަތައް 16،506.5 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާ އިރު ޓެކްސްގެ ޒަރިއްޔާއިން ދައުލަތައް ލިބިފައިވަނީ 15،206.5 މިލިއަން ރުފިޔާކަން ފައިނޭންސްގެ ރިޕޯޓުތަކުން ހާމަވެއެވެ. އެއީ ލަފާކޮށްފައިވާ އަދަދައްވުރެ 1.3 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އިންކަމް ޓެކްސްގެ ބިލު ފާސްކުރިޔަސް، އެންމެ ފުދުންތެރި މީހާ ޓެކްސް ނުދައްކާ، އެ ޒިންމާއިންވެސް ރެކިވެސްދާނެއެވެ. ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންނަމަވެސް އެންމެ ބުރަކޮށް މަސައްކަތްކޮށްގެން 60،000 ރުފިޔާއިން މަތީގެ އާމްދަނީ ހޯދާ މީހާ، ގަވައިދުން އެ ޓެކްސް ދައްކާނެއެވެ. ނުދައްކައިފިނަމަ، ދައުލަތުގެ ޓެކްސް އިދާރާއިން އެމީހަކު ހޯދަން އަންނާނެ ކަމުގެ ބިރުވެސް އޮންނާނެއެވެ.އިންކަމް ޓެކްސް ނުނަގާ ބަޖެޓަށް އާމްދަނީ އިތުރު ކުރާނެ ގޮތް ހޯދުމަކީ ސަރުކާރުގެ ޒިންމާއެވެ. ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ފައިސާ ހޯދަނީ އެ ފައިސާއިން ދައުލަތަށް ހަރަދު ކުރާކަށް ނޫނެވެ. މިހާރުވެސް ރައްޔިތުން ދައުލަތަށް ދައްކަމުން އަންނަ ޓެކްސް މަދެއް ނޫނެވެ. އިންކަމް ޓެކްސް ނެގުމުގެ ސިޔާސަތަކީ ދޯހަޅި ސިޔާސަތަކަށް ވަނީ މިދެންނެވި ސަބަބުތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ