ރަޖިސްޓްރީކޮށް ލައިސަންސް ހޯދައިގެން ނޫނީ ޓީޗަރުކަން ނުކުރެވޭ ގޮތް ހަދަނީ

ރަޖިސްޓްރީކޮށް ލައިސަންސް ހޯދައިގެން ނޫނީ ޓީޗަރުކަން ނުކުރެވޭ ގޮތަށް ހަދައި "ތައުލީމުގެ ބިލު" މަޖިލީހަށް ހުށަހަޅައިފިއެވެ.
ތައުލީމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.
ތައުލީމުގެ ބިިލުގައި ބުނެފައިވާ ގޮތުން، ރަޖިސްޓްރީކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ. އަދި، ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މެނުވީ އެއްވެސް ސުކޫލެއްގައި ޓީޗަރެއްގެ ވަޒީފާ ދީގެން ނުވާނެ ކަމަށެވެ.
އެގޮތުން، ސުކޫލުތަކުގެ އިތުރުން ރާއްޖޭގައި ކިޔަވައިދިނުމަށް ހިންގާ އެހެންވެސް ތަންތަން ހިންގަން ޖެހޭނީ ރަޖިސްޓްރީ ކޮށްގެން ކަމަށާއި އަދި އެ ތަންތަނުގައި ކިޔަވައިދޭ ޓީޗަރުން ވާންޖެހޭނީ ރަޖިސްޓްރީކޮށް ލައިސަންސް އޮތް ބަޔަކަށް ކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ބިލަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ އެންމެހާ ކަންކަން ކުރުމަށްޓަކައި "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކައުންސިލެއް އުފެއްދުމަށް ވަނީ ހަމަޖައްސައިފައެވެ.
އެ ކައުންސިލް އެކުލަވާލާތާ ތިން މަސްދުވަހުގެ ތެރޭގައި، ރާއްޖޭގައި ސުކޫލު ޓީޗަރުން ރަޖިސްޓްރީކޮށް، ޓީޗަރުންނަށް ލައިސަންސް ދިނުމުގެ އުސޫލެއް އެ ކައުންސިލުން އެކުލަވާލާނެ ކަމަށާއި އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ޓީޗަރުން ކައުންސިލުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންވާނެ ކަަމަށް ތައުލީމުގެ ބިލުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ