ފިލައިގެން އުޅުނު އައިސަރު ނައީމް ހޯދައި ބަންދު ކޮށްފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އަށް ޓެސްޓެއް ހަދަން މިއަދު ގެންދިޔަ ގައިދީ އައިސަރު ނައީމް ފިލުމުން އޭނާ ހޯދައި ބަންދުކޮށްފި ކަމަށް ކަރެކްޝަނުން ވިދާޅުވެއްޖެއެވެ.
އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުންނެވެ. އޭނާ އެތަނަށް ގެންދިޔައީ ޓީބީ ފަދަ ބައެއް ބަލިތަކަށް ސްކްރީން ކުރުމަށް ކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.
މިއަދު ހެނދުނު އޭނާ ފިލުމާއެކު އެމްސީއެސް އިން ވަނީ އެމައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައެވެ.
ފިލައިގެން އުޅެނިކޮށް އޭނާ އަތުލައިގެން ބަންދުކޮށްފައިވަނީ މިއަދު 2:10 އެހައި ކަންހާއިރު ކަމަށް ކޮރެކްޝަނުން ވިދާޅުވިއެވެ. އޭނާ ފެނިފައިވަނީ ކޮންތާކުން ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ގދ. ރަތަފަންދޫ، ވެލީގޭ، އައިސަރު ނައީމް ކަލަށް ލައިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭނާ ހޯދުމަށް ފުލުހުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ކަރެކްޝަނުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ