ޔާމީން ހައްޔަރުގައި ބެހެއްޓުމަށް ނެރުނު އަމުރު އިސްތިއުނާފް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ސީއެންއެމަށް މިއަދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އެމައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމަކީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެދިގެން ބޭއްވި އެޑު އެހުމެކެވެ. އެއީ ރައީސް ޔާމީން މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމުގެ މައްސަލައިގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ފުލުހުންގެ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންނުމަށް ބޭއްވި އަޑު އެހުމެކެވެ.
ޝަރީއަތް ނިމެންދެން ރައީސް ޔާމީން ޖަލުގައި ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމައްސަލާގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވުމާއި ރިސްވަތު ހުށަހަޅަމުންދާ ކަމުގެ ތަހުމަތު ކުރެވޭތީ، އެކަން ޕީޖީ އޮފީހުން ހެއްކާއެކު ހުށަހެޅުމާއި ގުޅިގެން ނެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ލިޔުންތައް މިދިއަ އާދިއްތަ ހެނދުނު ވަނީ އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ފޮނުވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކުރަން ފުލުހުންގެ އިދާރާއިން ޕީޖީގެ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ. އާޒިމްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިއަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޕީޖީގެ އޮފީހަށް ދައުވާ ކުރަން ފޮނުވުމަށްފަހު ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ގާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީން ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ ލޯންޑަރކޮށް، އެފައިސާއާއި ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާއި ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި މަނީ ލޯންޑަރކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވާއިރު، މަނީލޯންޑަރކުރުމުގައި ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުގައި އާޒިމާ ގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.
"މިމައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ހޯދި މަޢުލޫމާތުތަކާއި ހެއްކާއި ޤަރީނާތަކުން ފާހަގަކުރެވުނު ގޮތުގައި އެމް.އެމް.ޕީ.އާރސީގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާ ޖަމާކުރި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މަޢުލޫމާތު ލިބުމާއިގުޅިގެން އެމައްސަލަ ތަޙުޤީޤުކުރުމަށްފަހު، އެފައިސާއަކީ ދަޢުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެފައިސާ ދަޢުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެންނެވުމުން އެފައިސާ ދައުލަތާއި ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެފައިސާ ދައުރުކޮށް މުޢާމަލާތުކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 80 މިލިއަން ޑޮލަރަށް ހިނާޔާންތެރި ވެފައިވެއެވެ. އެމްއެމްޕީއާރުގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތް 155 ފަރާތެއްގެ މެދުގައި ހިންގާފައިވާއިރު، ރައީސް ޔާމީންގެ އެކައުންޓަށް 1،000،000.00 ޑޮލަރު ޖަމާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ