ހައިވޭގައި ރޭ އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެނީ

ހުޅުމާލެއިން މާލެ ދަތުރުކުރި ސައިކަލެއް އެކްސިޑެންޓްވެ އަނިޔާވި މީހާގެ ހާލު ގޯސްވެ އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ. ރޭ 12:10ގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 35 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ. އެ އެކްސިޑެންޓް ހިނގީ ހަތަރުފުރުޅުލީ ވެހިކަލްތަކަށް ހާއްސަކުރެވިފައިވާ ލޭނުން ދުއްވާފައި ދިޔަ ޕިކަޕެއް އޯވަޓޭކް ކުރުމަށް ސައިކަލް ލޭނަށް އެރިވަގުތު ފަހަތުން އައި ދެ ސައިކަލެއް ޕިކަޕްގެ ކުރިއަށް އަރަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެން ކަމަށް މަންޒަރުދުށް ފަރާތަކުން ބުންޏެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ، ހައިވޭ މަތިން އެކްސިޑެންޓެއް ވެގެން ރޭގައި މީހަކު ގެނައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އަދި މިވަގުތު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެސް އައްފާލު ވިދާޅުވި އެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް އައްފާލު ވިދާޅެއްނުވި އެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާ ހެލްމެޓް އަޅައިގެން އިން ނަމަވެސް ސައިކަލުން ވެއްޓި ހެލްމެޓް ވެސް ވިއްސައިގެން ދިޔަ ކަމަށް އެ މަންޒަރު ދުށް ފަރާތަކުން ސަން އަށް ކިޔައިދިނެވެ. އަދި އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ލޭ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. މި މަހުގެ އެއް ވަނަ ދަވަހުން ފެށިގެން ސައިކަލްގައި ބްރިޖް ހުރަސް ކުރުމަށް އަދި ބްރިޖާއި ގުޅިފައިވާ ހައިވޭއަށް އެރޭނީ ހެލްމެޓް އަޅައިގެންނެވެ. އަދި މިއީ ހެލްމެޓް އެޅުމަށް މަޖުބޫރު ކުރި ފަހުން ސައިކަލް ދުއްވަން އިން މީހެއްގެ ބޮލަށް އަނިޔާވި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ