ބިދޭސީ ޓީޗަރުން އެންމެ ގިނައީ ރ. އަތޮޅުގައި!

މުޅި ރާއްޖޭގައި 2,167 ބިދޭސީ ޓީޗަރުން މަސައްކަތް ކުރާއިރު، ބިދޭސީން އެންމެ ގިނައީ ރ. އަތޮޅު ސްކޫލްތަކުގައި ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
ގައުމީ ތަފާސް ހިސާބު ބަލަހައްޓާ އިދާރާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ "2018 ގެ އަހަރީ ތަފާސް ހިސާބު" ފޮތުގައިވާ ގޮތުގައި މުޅި ރާއްޖޭގައި މަސައްކަތް ކުރާ ޖުމްލަ ޓީޗަރުންގެ އަދަދަކީ 9,586 އެވެ. މީގެ ތެރެއިން 2,167 ޓީޗަރުންނަކީ ބިދޭސީންނެވެ. އަނެއް 7,075 ޓީޗަރުންނަކީ ދިވެހިންނެވެ. މުޅި ރާއްޖެއަށް ބަލާއިރު އެންމެ ގިނައިން ބިދޭސީ ޓީޗަރުން ހަރަކާތްތެރިވަނީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 181 ބިދޭސީން ކިޔަވައިދެ އެވެ. އެ އަތޮޅު ސްކޫލްތަކުގައި 444 ދިވެހި ޓީޗަރުން ވެސް މަސައްކަތް ކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހޯދާފައިވާ މައުލޫމާތު މައްޗަށް އެކުލަވާލާފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބިދޭސީ ޓީޗަރުންގެ ތެރޭގައި ތަމްރީން ލިބިފައި ނުވާ މީހުން މަސައްކަތެއް ނުކުރެ އެވެ. ޓީޗަރުންގެ ތެރޭގައި ހިމެނެނީ ވަގުތީ ގޮތުން މަސައްކަތް ކުރާ، 156 މީހުންނާއި ދާއިމީ ވަޒީފާއެއްގެ ގޮތުގައި މަސައްކަތް ކުރާ 410 މީހުންގެ އިތުރުން ތަމްރީން ލިބިފައި ނުވާ ދިވެހި 19 ޓީޗަރުންނެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި ބިދޭސީ ޓީޗަރުން އެންމެ މަދުން މަސައްކަތް ކުރަނީ ފުވައްމުލަކުގަ އެވެ. އެ ރަށުގެ ސްކޫލްތަކުގައި މަސައްކަތް ކުރަނީ 14 ބިދޭސީ ޓީޗަރުންނެވެ. އަދި ދިވެހިންގެ އަދަދު 210 އަށް އަރަ އެވެ.
އަތޮޅުތަކުގައި 1,765 ބިދޭސީންނާއި 4,924 ދިވެހިން މަސައްކަތް ކުރެ އެވެ. އަދި މާލޭގެ ސްކޫލްތަކުގައި 402 ބިދޭސީ ޓީޗަރުން މަސައްކަތް ކުރާއިރު ދިވެހިންގެ އަދަދު އުޅެނީ 2,151 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ