އިންޑިއާ އިން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާގެ ކެރަލާއިން ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 11.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ އިންޑިއާގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކެރަލާގެ އަވަށަކުންނެވެ.
ކެރަލާގެ ފުލުހުންގެ އޮފިސަރަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމައްސަލައިގައި ހައްޔަރުކުރި ތިން މީހުން ދަތުރުކުރަމުން ދިޔަ ކާރުގެ ތެރެއިން ކަމަށެވެ. ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބައެއް ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ހަޝިސް އޮއިލް ކަމަށާއި މިތަކެތީގެ މަގުމަތީގެ އަގު ދިވެހި ރުފިޔާއިން ނަމަ 26.7 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ ކެރަލާއަށް މަސްތުވާތަކެތި އެތެރެކޮށްފައިވަނީ އިންޑިއާގެ އަންދްރަޕްރެދޭޝް އިން ކަމަށެވެ. އަދި ކެރަލާއަށް އެތެރެކުރި މަސްތުވާތަކެތިން ބައެއް އިންޑިއާ އިން ބޭރުކޮށްފައިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އިންޑިއާ އިން ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވީ ނަމަވެސް މިމައްސަލައިގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ