77 މިލިއަން ޑޮލަރަށް ބްރިޖް އަޅައިދޭން ޖީއެމްއާރުން ހުށައެޅި - ނަޝީދު

މާލެއާއި ހުޅުމާލެއާ ގުޅާލަން އެޅި ސިނަމާލެ ބުރިޖު އަޅައިދޭން އިންޑިއާގެ ޖީއެމްއާރުން ހުށަހެޅީ 77 މިލިއަން ޑޮލަރަކަށް ކަމަށް ރައްޔިތުންގެ މަހިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ސީސީސީ ކުންފުންޏަށް ބްރިޖް އަޅަން ދިނީ 300 މިލިއަން ޑޮލަރަށް ކަމަށާއި އެހެން ނަމަވެސް އެ ބްރިޖު އަޅައިދޭން އިންޑިއާގެ ޖީއެމްއާރުން ހުށަހެޅީ 77 މިލިއަން ޑޮލަރަކަށް ކަމަށެވެ.
"އިންޑިއާގެ ޖީއެމްއާރުން 77 މިލިއަން ޑޮލަރު ހުށަހެޅި ނަމަވެސް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން މި ޕްރޮޖެކްޓް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމުން މިހާރު މިވަނީ ސަރުކާރުން 300 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހިފަ. ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އިންޓަރެސްޓުގެ އިތުރުން އެމީހުން ކޮށްދީފައިވާ މަސައްކަތުގެ އަގު ވެސް ބޮޑު" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ޗައިނާއަށް ރާއްޖެއިން މުޅި ޖުމުލަ 3.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވާ ކަމަށާއި އަދި އެކަން ކުރެވޭނީ ހަރަދުތައް ކުޑަކޮށްގެން ކަމަށެވެ.
ނަޝީދު ވަނީ ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް ދަރާފައިވާ ދަރަނި އަދާނުކުރެވިއްޖެނަމަ ރާއްޖޭގެ ބިމާއި މިނިވަންކަން ގެއްލިދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ