އެމްޕީއާރްސީގެ ފައިސާ ލިބުނު ކުންފުންޏަކަށް މިސަރުކާރުން ޤަވައިދާއި ހިލާފަށް ޕްރޮޖެކްޓެއްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ލިބުނު ކުންފުންޏެއް ކަމަށްވާ އިވެންޓް މޯލްޑިވްސް އަށް މިސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ޕްރޮޖެކްޓެއް ދީފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިސަރުކާރުން އިވެންޓް މޯލްޑިވްސް އަށް ދީފައި ވަނީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގެ ކަންތައްތައް އިންތިޒާމް ކުރުމުގެ މަސައްކަތެވެ. އެކުންފުންޏާއި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެމަސައްކަތައް ކުރިމަތިލި އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައި ވަނިކޮށެވެ.
އިވެންޓް މޯލްޑިވްސް އަށް އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 265000 އެމެރިކާ ޑޮލަރު (ހަތަރު މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް އޭސީސީ އިން ނެރުނު ރިޕޯޓްގައި ބުނެފައި ވެއެވެ.
މިނިވަން ދުވަހުގެ ހަފްލާ ބޭއްވުމުގެ ތައްޔާރީތައް ކުރުމުގެ މަސައްކަތް އިއުލާންކޮށް އެމަސައްކަތް ބަޔަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަނީ ރައީސް އޮފީހުންނެވެ.
މިމަސައްކަތައް ބިޑް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓްދޭނެ އުސޫލު ބުނާ ގޮތުން ހުށަހަޅާ އަގަށް 40 ޕޮއިންޓް ލިބޭނެއެވެ. މަސައްކަތުގެ ތަޖުރިބާ އަށް 10 ޕޮއިންޓް، މަސައްކަތުގެ ފެންވަރު (ރިފަރެންސް ލިޔުމަށް) 10 ޕޮއިންޓް އަދި ފަންނީ ގާބިލް ކަމަށް 40 ޕޮއިންޓް ލިބޭނެ ކަމަށް ވެސް ޕޮއިންޓް ދޭނެ އުސޫލުގައި ބުނެފައި ވެއެވެ.
ޖުމްލަ ނުވަ ކުންފުންޏަކުން މަސައްކަތައް ކުރިމަތިލިއިރު އިވެންޓް މޯލްޑިވްސް އިން މަސައްކަތް ކޮށްދޭނެ އަގެއް ކަމަށް ޖަހާފައި އޮތީ 567000 ރުފިޔާ އެވެ. އެކުންފުނީގައި 7 އަހަރު ދުވަހުގެ ތަޖުރިބާ ހުރިކަމަށް ބިޑް ޑޮކިއުމެންޓް ގައި ބުނެއެވެ. ރިފަރެންސް ލިޔުމުގެ ގޮތުގައި 18 ލިޔުމެއް އެކުންފުނިން ހުށަހެޅިއެވެ.
މިމަސައްކަތައް އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ އޮބްޖެކްޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނިން ހުށަހަޅާފައި ވަނީ 99640 ރުފިޔާ އެވެ. ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުނިން ރިފަރެންސް ލިޔުމުގެ ގޮތުގައި ހަ ލިޔުމެއް ހުށަހަޅާފައިވެއެވެ.
އޮފިޝަލް އިވެންޓްސް ނަމަކަށް ކިޔާ ކުންފުންޏަކުން 180200 ރުފިޔާ އަށް މަސައްކަތް ކޮށްދޭނެ ކަމަށް ބުނެފައި ވާއިރު އެކުންފުނިން ވަނީ ތިން އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އެކުންފުނިން ވަނީ ރިފަރެންސް ލިޔުމުގެ ގޮތުގައި ވެސް 14 ލިޔުމެއް ހުށަހަޅާފައެވެ.
އިވެންޓްކޯ ނަމަކަށް ކިޔާ ކުންފުންޏަކުން މަސައްކަތުގެ އަގުގެ ގޮތުގައި ހުށަހަޅާފައި ވަނީ 511874 ރުފިޔާ އެވެ.
މަސައްކަތް ހަވާލު ކުރަން ނިންމާފައިވާ އިވެންޓް މޯލްޑިވްސް އަށް ވުރެ އަގު ބޮޑު ނަމަވެސް ތަޖުރިބާ ބޮޑު ކުންފުންޏެއް ކަމަށްވާ ހަބް އިން ވެސް ވަނީ މިމަސައްކަތައް އަގު ހުށަހަޅާފައެވެ. އެކުންފުނީގައި 9 އަހަރުގެ ތަޖުރިބާ ހުރިއިރު ރިފަރެންސް ލިޔުމުގެ ގޮތުގައި 18 ލިޔުމެއް ހުށަހެޅިއެވެ. އެކުންފުނީގެ އަގަކީ 600000 ރުފިޔާ އެވެ.
ތިންކް އެސޯސިއޭޝަނުން މަސައްކަތުގެ އަގަކަށް 657200 ރުފިޔާ ހުށަހަޅާފައި ވާއިރު އެކުންފުނީގައި 14 އަހަރުގެ ތަޖުރިބާ އެބައޮތެވެ. ރިފަރެންސް ލިޔުމުގެ ގޮތުގައި އެކުންފުނިން 47 ލިޔުމެއް ހުށަހެޅިއެވެ.
މިނިވަން ދުވަހުގެ ހަފްލާ ބޭއްވުމުގެ ތައްޔާރީތައް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވިފައި ވާއިރު މިސަރުކާރުން ގެންދަނީ ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ