މިޝަން މަންގަލް މިއަހަރު އެންމެ ބޮޑު އާމްދަނީ ލިބުނު 10ފިލްމުގެ ލިސްޓަށް

ގިނަ އަންހެން ތަރިންތަކެއް ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު މިޝަން މަންގަލްގެ ކާމިޔާބީ ފިލްމުގެ ލީޑް ބަތަލު އަކްޝޭ ކުމާރު އަންނަނީ ފާހަގަ ކުރަމުންނެވެ.
ފިލްމު އެޅުވިތާ ދެވަނަ ދުވަހު އިންޑިއާގެ "ޖަންމާޝްތަމީ" ފެސްޓިވަލަާއި ގުޅިގެން ސަރުކާރު ބަންދުވުމުން ފިލްމަށް ވަނީ ބޮޑު އޯޑިއަންސެއް ލިބިގެން ގޮސްފައެވެ. އެގޮތުން ބޮކްސް އޮފީހުގެ ރިޕޯޓްތައް ދައްކާގޮތުން ފިލްމު އެޅުވި ދެވަނަ ދުވަހު އެކަނިވެސް ފިލްމަށް ވަނީ 7.50 ކްރޯޑް ލިބިފައެވެ. ފިލްމު އެޅުވިތާ އިއްޔެއަށް ނުވަ ދުވަސް ވެފައިވާއިރު މިހާރު ވަނީ 132.50 ކްރޯޑް ލިބިފައެވެ.
ވިދްޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕަންނު، ކްރިތީ ކުލްހާރީ އަދި ނިތުލާ މެނޮން މުހިންމު ރޯލުތަކުން ފެންނަ މި ފިލްމަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި ފިލްމު ވެގެންގޮސްފައިވަނީ އަކްޝޭގެ ފިލްމުތަކުގެ ތެރެއިން ވެސް މިހާތަނަށް އިންޑިއާގެ މިނިވަންދުވަހާ ގުޅުވައިގެން ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑޫ އާމްދަނީ ލިބުނު ފިލްމަށެވެެ. އެގޮތުން 2017 ގައި އަކްޝޭގެ ފިލްމު "ޓޮއިލެޓް: އެކް ޕްރޭމް ކަތާ" އަށް 132 ކްރޯޑް ލިބިފައިވާއިރު 2018 ގައި ނެރުނު "ގޯލްޑް" އަށް ވަނީ 102 ކްރޯޑް ލިބިފައެވެ. މި ދެފިލްމަކީވެސް މިނިވަންދުވަހާ ދިމާކޮށް ނެރެފައިވާ ފިލްމުތަކެވެ.
ބޮކްސްއޮފީހުގެ ރިޕޯޓްތައް ދައްކާގޮތުން މިޝަން މަންގަލްގެ އާމްދަނީ 175 ކްރޯޑަށް އަރާނެކަމަށެވެ. ފިލްމު މިހާރުވެސް ވަނީ މިއަހަރު ނެރުނު އެންމެ ބޮޑު އާމްދަނީ ލިބުނު 10 ފިލްމުގެ ލިސްޓުގެ އަށްވަނައަށް އަރާފައެވެ.
މިޝަން މަންގަލް ޑައިރެކްޓް ކޮށްފައިވަނީ ޖަގަން ޝަކްތީއެވެ. ފިލްމަކީ މާސްއަށް ދިއުމަށް އިންޑިއާގެ ސްޕޭސް މިޝަނުން ކުރި މަސައްކަތަށް ހަދާފައިވާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ