އެޗްއާރުސީއެމަށް ކުރެވުނު ހަމައެކަނި ކަމަކީ ރައީސް ނަޝީދު ޖަލަށްލުން - އީސާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އެޗްއާރުސީއެމަށް ގާނޫނީ ބާރެއް ލިބިފައިއޮތް ކަމަށް އެ ކޮމިޝަނުގެ މެމްބަރުންނަށް ހަމަ އެކަނި ގަބޫލު ކުރެވިފައި އޮތީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރަން ޕޮރޮސެކިއުޓާ ޖެނެރަލް ޕީޖީއަށް ފޮނުވި ފޮނުވުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.
އީސަ މިހެން ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބާރު ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުން ނިގުޅައިގަނެފައިވާތީ ރައްޔިތުންގެ މަޖިލީހަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހްމޫދު ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
"އޭޗްއާރުސީއެމުން އެބޭފުޅުންނަށް ގާނޫނީ ބާރެއް ލިބިފައި އޮތްކަމަށް ގަބޫލުފުޅު ކުރެއްވީ އެންމެ ފަހަރަކު. އެއީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޕީޖީއަށް ފޮނުވި ފޮނުވުން އެކަނި" ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އީސާ ވިދާޅުވީ އެޗްއާރުސީއެމްގެ ގާނޫނަށް ބަދަލެއް އައިސްފައި ނުވާކަމަށާއި މިހާރުވެސް އޮތީ ހަމަ ކުރިންވެސް އޮތް ގާނޫނު ކަމަށެވެ.
އަދި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވި ހިސާބުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ލާއިންސާނީ ޖަރީމާ ހިންގާފައިވާ ކަމަށާއި އެކަން ބެލުމަށް އެޗްއާރުސީއެމަށް ގާނޫނީ ބާރު އޮތް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވި ރިޕޯޓާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރު ކުރިކަމަށް ބުނާ މައްސަލާގައި އަބްދުﷲ ގާޒީގެ އިންސާނީ ހައްގަކަށް އަރައިގަނެފައިވާ ކަމަށް ބުނެއެވެ.
މަޖިލީހަށް އެޗްއާރުސީއެމްގެ ބާރު ހޯދަން ގަރާރު ހުށަހަޅުއްވާފައިވާ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން އަކީ އެޗްއާރުސީއެމްގެ މެމްބަރުކަން ކުރައްވާފައިވާ ކަނބަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ