ގޮންޖެހުންތައް ހުއްޓުވަން ކަސްޓަމްސް މުވައްޒަފުން ނަޒާހަތްތެރިކަމާއިއެކު ތިބެންޖެހޭ: މާރިޔާ

ކަސްޓަމްސް މުވައްޒަފުންނަކީ ދުނިޔެއަށް މިއަދު އަންނަ އެކިއެކި ގޮންޖެހުންތަކާއި ނުރައްކަލާ ކުރިމަތިލާ ފާރަވެރިވެ އެކަންކަން ހުއްޓުވަން ނަޒާހަތްތެރިކަމާއިއެކު ތިބެންޖެހޭ ބައެއް ކަމަށް ޑީފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންވެ. ކަސްޓަމްސްގެ މައި އޮފީހުގައި މިއަދު 06:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ ނަންގަވައިދެއްވީ ކަސްޓަމްސްގެ މިނިސްޓާ، އަދި ޑިފެންސް މިނިސްޓާ މާރިޔާ އަހުމަދު ދީދީއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާންއެވެ.
މާރިޔާ ވިދާޅުވީ ކަސްޓަމްސް ފެށިގެން އައިއިރު ކަސްޓަމްސްއަކީ ހަމައެކަނި މުދާ ދޫކުރާތަނެއްގެ ގޮތުގައި ރައްޔިތުން ދެކެމުންއައިތަނެއް ކަމަށާއި އެހެންނަމަވެސް މިހާރު ކަސްޓަމްސްއަކީ އެއަށް ވުރެބޮޑު ޒިންމާތަކެއް މަތިކޮށްފައިވާ ތަނެއް ކަމަށެވެ.
މިރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ހާއްސަ ދުއާއެއްކުރުންއޮތެވެ. އިސްވެ މި ދުއާ ވިދާޅުވެދެއްވީ ސީނިއަރ ސުޕްރިންޓެންޑެންޓް މުހައްމަދު ނިޒާރެވެ.
ކަސްޓަމްސް މައިއޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމު ކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ މިއަދު ބާއްވާފައެވެ.
ކަސްޓަމްސްއިން ބުނީ، އަހަރީ ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައިވާ ކަަމަށައި އެގޮތުން އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މިޖަލްސާގައި ކުރިއަށް އޮތް 5 އަހަރު ކަސްޓަމްސްއިން ޙަސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެކުލެވޭ ގޮތުގެ "ސްޓްރެޓެޖިކް ޕްލޭން" ލޯންޗްކުރުން އޮންނާނެ ކަމަށް ވެސް ކަސްޓަމްސްއިން މައުލުމާތު ދެއެވެ.
މީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންނާއި އާއިލާތަކަށް ޙާއްސަކޮށްގެން "ކަސްޓަމްސް ރަން2019" ގެ ނަމުގައި ދުވުމެއް ބޭއްވުމާއި ކަސްޓަމްސްގެ ތާރީޚް ދައްކުވައިދޭ މައުރަޒަކާއި "ކަސްޓަމްސް ނައިޓް" ގެ ނަމުގައި މުނިފޫހިފިލުވުމުގެ ހަފްލާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ކަސްޓަމްސް އިން ަމއުލުމާތު ދެއެވެ.
ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތް ފެށިފައިވަނީ 18 ޖުލައި 1890 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ